ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ އިސްލާމް ދީނުގެ ހިދާޔަތު ކަމަށާއި ދިވެހި ގައުމިއްޔަތު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް އެމްއާރްއެމް އިން ބުނެފި އެވެ.
މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މިހެން ބުނީ ރާއްޖެ އިސްލާމް ވި ދުވަހުގެ ތަހުނިޔާ ދަންނަވާ އެ ޕާޓީން ނެރުނު ބަޔާނުގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ އިސްލާމް ދީނުގެ ހިދާޔަތުކަމާއި ދިވެހި ގައުމިއްޔަތު ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ އަޚުވަންތަކަމުގެ ގުޅުމުގެ ރަމްޒަކީ، އިސްލާމްދީން ކަމަށެވެ.
މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި ނިޢުމަތް މި ލޮބުވެތި ދިވެހިރާއްޖެއަށް މިންވަރު ކުރެއްވިކަމަށްޓަކައި މާތް ﷲ ގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ކޮށްފަ އެވެ. އަދި މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތްގެ މަތީގައި ވަރުގަދައަށް ސާބިތުވެ ތިބުމުގެ ހެޔޮ ތައުފީގު ދިވެހިންނަށް ދެއްވައި، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ލަހައްޓަވައި، ރާއްޖެއަކީ އަމަން އަމާން ކަން ގާއިމު ވެފައިވާ ޞުލްޙަ މަސްލަހަތަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ މިނިވަން ގައުމެއްގެ ގޮތުގައި ދެމެހެއްޓެވުމަށް އެދި ދުއާ ކޮށްފައި ވެއެވެ.
ރާއްޖޭގެ ތާރީޚުގެ ފަތްފުށްތަކުން އެނގޭ ގޮތުގައި އެރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީއްސުރެ އަޅުކަން ކުރަމުން އައި އެހެން ދީންތައް ދޫކޮށްލައި، ދިވެހިން އިސްލާމްދީން ޤަބޫލުކޮށް ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމުގައި ރަސްމީކޮށް ބަލައިގަނެފައިވަނީ، ހިޖުރައިން 548 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ 2 ވަނަ ދުވަހު އެވެ.
ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ އިސްލާމް ދީނަށް ގިނަ ޚިދްމަތްތަކެއް ކުރެއްވި މަޣްރިބް ކަރައިގެ އިލްމުވެރިޔާ އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ކަމަށް ވެސް ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް