މިދިޔަ އޮގަސްޓު މަހު އެމެރިކާއިން ހިމާޔަތް ހޯދައިގެން އަފްގާނިސްތާނު ދޫކޮށް ދިޔަ އެ ގައުމުގެ އާއިލާއެއްގެ ދެ މަހުގެ ކުއްޖަކުގެ ގެއްލިގެން އަދިވެސް ހޯދަމުން އެބަދެ އެވެ.
އުމުރުން 35 އަހަރުގެ މިރްޒާ އަލީ އާއި 32 އަހަރުގެ ސުރާޔާއަށް ލިބިފައިވާ ދެ މަހުގެ ފިރިހެން ދަރިފުޅު ގެއްލުނީ އެމެރިކާއަށް ފުރަން އެއާޕޯޓު ސަރަހައްދަށް ގޮސް މީހުން ގިނަ ވުމުގެ ސަބަބުން ކުއްޖާ އެއާޕޯޓު ތެރެއަށް ވައްދަން ފާރުމަތިން އެމެރިކާ ސިފައިންގެ މީހަކާއި ހަވާލު ކުރި ހިސާބުންނެވެ. އެ ދެމަފިރިންގެ އެ ކުއްޖާގެ އިތުރުން 17 އަހަރާއި ހަ އަހަރާއި ތިން އަހަރުގެ ކުދިން އެބަތިއްބެވެ.
މިރްޒާ ބުނީ ކުއްޖާ އަތުކޮޅަށް ނަގައި ސިފައިންގެ މީހާ އާއި ހަވާލު ކުރި ވަގުތު އެތަނުގައި ފިތި ބާރުވެ އެކަކު އަނެކަކަށް ކޮއްޕުމުގެ ތެރޭގައި އެއާއިލާ އެއާޕޯޓާއި ވަރަށް ދުރަށް ޖެހުނު ކަމަށެވެ. އަދި އަލުން އެއާޕޯޓަށް ވަދެވުނީ 30 ވަރަކަށް މިނެޓު ފަހުން ކަމަށެވެ.
އެހާ ހިސާބުން ކުއްޖާ ހޯދުމުގެ މަސައްކަތް ފެށި ކަމަށާއި އެމެރިކާ ސިފައިންގެ ތެރެއިން ކުއްޖާ އާއި ހަވާލުވި މީހެއް އަދި އޭނާއަށް އެ ކުއްޖާ ހަވާލު ކުރެވުނު ސިފައިންގެ މީހެއް ނޭނގުނު ކަމަށެވެ. އަދި ސިފައިން އޭނާ ގޮވައިގެން އެއާޕޯޓުގައި ފުރާ ގަޑިޖެހެންދެން ކުޑަކުދިން ބައިތިއްބާ ތަނަށްވެސް ދިޔަކަމަށެވެ. އެކަމަކު އެ ދުވަހު އަފްގާނުން ފުރާ ވަގުތު ޖެހުނު އިރުވެސް އެއާޕޯޓުން ކުއްޖާ ނުފެނުނު ކަމަށް ބުންޏެވެ.
އޭނާ ބުނީ ކުއްޖާ ފެންނަންދެން މަޑުނުކޮށް އެ ދުވަހު ފުރީ އެއާޕޯޓު ތެރެއަށް ވެއްދި ކުއްޖެއް ވިއްޔާ އެމެރިކާއަށް ގެންދާނެ ކަމުގެ ނުވަތަ ގެންގޮސްފައިވާނެ ކަމުގެ ޔަގީންކަން އެމެރިކާ ސިފައިން ދިނުމުން ކަމަށެވެ. އެ އާއިލާ މިހާރު ތިބީ އެމެރިކާގެ ޓެކްސެސްގެ ރެފިއުޖީ ކޭމްޕެއްގައި އެވެ.
އެތަނުގައި ތިބި އެތައް ހާސް އަފްގާން ރައްޔިތުންގެ ކައިރިއަށް ފޮޓޯ ހިފައިގެން ގޮސް އެ ކުއްޖާ ފެނުނުތޯ ސުވާލުކޮށްފައިވެ އެވެ. މިރްޒާ ބުނީ ކޮންމެ މީހަކު ވެސް އާކޮށްދެނީ ހިތްހަމަ ޖެހުމެއް ނުލިބޭ އުންމީދެއް ކަމަށާއި އެ ތުއްތު ދަރިފުޅު އަދިވެސް ފެނިފައިނުވާ ކަމަށެވެ.
މިކަމާއި ގުޅިގެން އެމެރިކާ ސަރުކާރުން ބުނީ އެ ކުއްޖާ ހޯދުމަށް އަފްގާން ރައްޔިތުން ގެންގޮސްފައިވާ ހުރިހާ ރެފިއުޖީ ކޭމްޕުތަކެއް ހުރި ގައުމުތަކަކަށް ނޯޓިސް ފޮނުވާފައިވާ ކަމަށެވެ. މިހާތަނަށް ކުއްޖާ އާއި ގުޅޭ މައުލޫމާތެއް ލިބިފަ ނުވިނަމަވެސް ކުއްޖާ ހޯދުމަށް އާއިލާއަށް އެހީވުމަށް ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުންޏެވެ.
މިރްޒާ ބުނީ އޭނާ އެމެރިކާ ސިފައިންނާއި ދަރިފުޅު ހަވާލު ކުރި ގޮތަށް ހަވާލު ކުރި ކުއްޖެއްގެ ވާހަކަ ނޫސްތަކުން ދެކުނު ކަމަށާއި އެކަމަކު އެ ކުއްޖާ އަނބުރާ އާއިލާއަށް ރައްދުވިއިރު އޭނާގެ ދަރިފުޅު އެމެރިކާ ސިފައިން އަތުން ގެއްލެން ޖެހުނު ސަބަބު ނުވިސްނޭ ކަމަށެވެ.
މިރްޒާއަކީ އަފްގާނިސްތާނުގައި ހުރި އެމެރިކާ އެމްބަސީގެ ސެކިއުރީޓީ ގާޑެއްގެ ވަޒީފާ އަދާ ކުރި މީހެކެވެ. އެމެރިކާއިން ވަނީ އެމީހުން 20 އަހަރު އަފްގާނިސްތާނު ހިފައިގެން އުޅުނު އިރު ވަޒީފާ އަދާކޮށްދިން އަފްގާން ރައްޔިތުންނަށް އާއިލާއާ އެކު އެމެރިކާއަށް ހިޖުރަ ކުރުމުގެ ފުރުސަތު ދީފަ އެވެ.
ޝަރުތުހަމަވާ އެންމެ ނުގެންދެވުނު ނަމަވެސް ލައްކައެއްހާ އަފްގާން ރައްޔިތުން އެމެރިކާއަށް ހިޖުރަކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް