ސްރީލަންކާގައި މާދަމާ ފެށުމަށް ހަމަޖެހިފައިވާ މަހިންދަ ރާޖަޕަކްސް ޓްރޮފީ މުބާރާތުގައި ދިވެހިންނަށް ޓިކެޓެއް ވިއްކާނީ 5000 ސްރީލަންކަން ރުޕީސްއަށް ކަަމަށް ލަންކާގެ ފުޓްބޯލް ފެޑެރޭޝަނުން ބުނެފިއެވެ.
ފުރަތަމަ މެޗުގައި ރާއްޖެ އާއި ލަންކާ ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ ލަންކާ ގަޑިން ރޭގަނޑު އަށެއް ޖަހާއިރު އެވެ. އެއީ ރާއްޖޭގެ ގަޑިން ރޭގަނޑު 7:30 އެވެ..
ލަންކާގެ ފުޓްބޯލް ފެޑަރޭޝަނުން ބުނެފައިވާ ގޮތުގައި މާދަމާ ރޭ މަހިންދަ ރާޖަޕަކްސް ޓްރޮފީ މުބާރާތުގައި ރާއްޖެއާއި ދެކޮޅަށް ލަންކާ ކުޅޭއިރު ދިވެހިންނަށް ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ކޮލަމްބޯގައި ހުންނަ ރާއްޖޭގެ އެމްބަސީންނާއި، ދިވެހިންގެ ކޮމިއުނިޓީ ސެންޓަރުންނެވެ. މިތަންތަނުން ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ލަންކާގެ ގަޑިން މިއަދު މެންދުރުފަހު ތިނަކުން ހަވީރު ހައެއް ޖަހަންދެނެވެ. އަދި މާދަމާ ޓިކެޓް ވިއްކަން ހަމަޖެހިފައިވަނީ ހެނދުނު އެގާރައިން މެންދުރު ފަހު ދޭއް ޖަހަންދެނެވެ.
ލަންކާގެ ފުޓްބޯލް އެސޯސިއޭޝަނުން ބުނެފައިވަނީ ހުރީ ހަމައެކަނި ލިމިޓެޑް އަދަދެއްގެ ޓިކެޓް ކަމަށެވެ.
ނަމަވެސް ދިވެހިންނަށް ހާއްސަ ކޮށްފައިވަނީ ކިތައް ޓިކެޓް ކަމެއް އެ ގައުމުގެ ފުޓްބޯލް ފެޑަރޭޝަނުން ބުނެފައެއް ނުވެއެެވެ.
ސަޕޯޓަރުންނަށް ޓިކެޓް ވިއްކަނީ 200 ރުޕީސް ކަމަށް ވާއިރު، ދިވެހިންނަށް 5000 ރުޕީސް އަށް ޓިކެޓް ވިއްކާތީ، އެ ގައުމުގައި ދިރިއުޅޭ ދިވެހިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ލަންކާއަކީ ގިނަ ދިވެހިން ވަޒަންވެރިވެގެން އުޅޭ ޤައުމަކަށް ވާއިރު މުޅި އާއިލާ ގޮވައިގެން ކޮންމެ މީހަކަށް ޓިކެޓެއް ގަންނަން 30 ނުވަތަ 25 ޑޮލަރު ދޭން ޖެހުމަކީ އެއްވެސް އާއިލާ އަކަށް ފަސޭހަ ވާނެ ކަމެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް