މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ މެނިފެސްޓޯގައި އައްޑު ސިޓީގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާކަމަށް އެ ޕާޓީން ހާމަކޮށްފި އެވެ.
އެ ޕާޓީން މިކަން ހާމަކުރީ އައްޑު ސިޓީ އާއި ފުވައްސިޓީއަށް އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މިހާރުކުރައްވަމުން ގެންދަވާ ދަތުރުގައި އެމްއެންޕީގެ އޮފީހެއް ތެރެއިން ފޭދޫގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޕާޓީގެ ރައީސް ކާރނަލް ރިޓައަރޑް މުހައްމަދު ނާޒިމް ވިދާޅުވީ 2023 ގެ އިންތިޚާބަށް އެމްއެންޕީން ތައްޔާރުކުރާ މެނިފެސްޓޯގައި އައްޑޫގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ހިމަނާނެ ކަމަށެވެ.
އެގޮތުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓް، ހަގީގީ އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެދުމާއި ވަކިން އޮތް ހުޅުމީދު އާއި އައްޑޫގެ އެހެން އަވަށްތައް ބްރިޖަކުން ގުޅާލުން ހިމެނޭ ކަަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ތަފާތު ކޮންސެޕްޓެއްގެ ދަށުން އެ ސިޓީގެ ޓޫރިޒަމް ފުޅާކުރުން ހިމެނޭ ކަަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
"އައްޑޫގައި ބްރިޖް އެޅޭނެ. އެކަން ކުރާނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން. އައްޑުއަށް ބްރިޖަކީ މުހިއްމު ވަސީލަތަކަށްވާތީ އެކަން ކުރާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން، ކަމާ ގުޅޭ ގޮތުން ވަރަށް ގިނަ ދިރާސާތަކެއް ވެސް ކުރުމަށް ފަހު." ނާޒިމް ވިދާޅުވި އެވެ.
އެމްއެންޕީގެ ލީޑަރޝިޕްގެ މި ދަތުރުގައި އިއްޔެވަނީ ފޭދޭ، މަރަދޫ ފޭދޫ، މަރަދޫ، އަދި ހިތަދޫ އަށް ޒިޔާރަތްކޮށްފަ އެވެ.
މި ޓީމުން ފުވައްމުލައްސިޓީއަށް ދާނީ މިއަދު އެެވެ.
އެ ޕާޓީން ބުނީ މިއީ އެމްއެންޕީގެ ލީޑަރޝިޕް އިން ރާއްޖޭގެ ހުރިހާ ރަށަކަށް ފަށާފައިވާ ސިލްސިލާ ދަތުރުތަކުގެ ތެރޭގައި ހިމެނޭ ދަތުރެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް