ސްޕެނިޝް ލީގު: ރެއާލް މޮޅުވެ ތާވަލްގެ އެއްވަނަ އަށް ޖެހިލިއިރު، ބާސެލޯނާ މެޗު ވީ އެއްވަރު

ސްޕެނިޝް ލަލީގާ ގައި ރޭ ކުޅުނު މެޗުތަކުން ރަޔޯ ވަލްކާނޯ އަތުން ރެއާލް މެޑްރިޑް މޮޅުވެ ތާވަލްގެ އެއްވަނައަށް އެރި އިރު، ބާސެލޯނާ ސެލްޓަވީގޯ އާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެއްޖެއެވެ. އަމިއްލަދަ ދަ...

07 Nov 2021 | 04:06

ސްޕެނިޝް ލަލީގާ ގައި ރޭ ކުޅުނު މެޗުތަކުން ރަޔޯ ވަލްކާނޯ އަތުން ރެއާލް މެޑްރިޑް މޮޅުވެ ތާވަލްގެ އެއްވަނައަށް އެރި އިރު، ބާސެލޯނާ ސެލްޓަވީގޯ އާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެއްޖެއެވެ.

އަމިއްލަދަ ދަނޑުގައި ކުޅުނު މި މެޗުން ރެއާލް މޮޅުވީ 1-2 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ރެއާލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުން ލަނޑު ޖަހާ ލީޑުނަގާފައިވަނީ މެޗުގެ 14 މިނެޓުގައެވެ. މި ލަނޑު ރެއާލް އަށް ޖަހައިދިނީ ޓޯނީ ކުރޫސް އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ރެއާލުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑ ފުޅާކޮށްފައެވެ. އަލަބާގެ އެހީތެރިކަމާއި އެކު މި ލަނޑު ރެއާލަށް ޖަހައިދިނީ އިތުބާރު ފޯވާޑް ކަރީމް ބެންޒެމާއެވެ.

މި މެޗުގައި ރަޔޯ ވަލްކާނޯއިން ޖެހި ހަމަ އެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ރަމަޑޭލް ފަލްކާއޯ އެވެ.

އެފްސީ ބާސެލޯނާ ސެލްޓާ ވީގޯ ބައްދަލުކުރި މެޗު އެއްވަރުވީ 3-3 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ބާސާއިން ޖެހި ތިން ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ ފަސް ވަނަ މިނެޓުގައި އަންސު ފަޓީ ކާމިޔާބު ކުރި އިރު، ބާސާގެ ދެވަނަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ސާޖިއޯ ބުސްކެޓް އެވެ. އަދި ބާސާގެ ތިން ވަނަ ލަނޑު މެޗުގެ 34 މިނެޓުގައި ކާމިޔާބު ކޮށްދިނީ މެމްފިސް ޑިޕާއީއެވެ.

ބާސާއިން ތިން ލަނޑުގެ ލީޑެއްގައި އޮވެ މެެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ފަހުހާފަށް ކުޅެން ނިކުމެ ސެލްޓަވީގޯއިން ވަނީ ކުޅުން ވަރުގަދަކޮށް ބާސާގެ ފަހަތަށް ބާރު ބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ލަގޯ އާސްޕާސް ސެލްޓަވީގޯގެ ފުރަތަމަ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކުރި އިރު، ނޮލީތޯ ވަނީ މެޗުގެ 74 މިނެޓުގައި ސެލްޓަވީގޯގެ ދެވަނަ ލަނޑު ޖަހާ އިތުރަށް ފަރަގު ކުޑަކޮށްފައެވެ. އެޓީމުން ތިން ވަނަ ލަނޑު ޖަހާ ނަތީޖާ ހަމަހަމަކުރީ މެޗުގެ އިތުރުވަގުތުގައެވެ. ސެލްޓަވީގޯއަށް ނަތީޖާ ހަމަހަކޮށްދިން މި ލަނޑު ކާމިޔާބު ކޮށްދިނީ މި މެޗުގައި އެޓީމަށް ފުރަތަމަ ލަނޑުވެސް ޖަހައިދިން ލަގޯ އާސްޕާސްއެވެ.

މި ނަތީޖާ ތަކާއި އެކު ރެއާލް ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 12 މެޗުން ލިބުނު 27 ޕޮއިންޓާއި އެކުގައެވެ. ބާސާ އޮތީ ކުޅުނު 12 މެޗުން ލިބުނު 17 ޕޮއިންޓާއި އެކު ތާވަލުގެ ނުވަ ވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް