ފްރެންޗް ލީގުގައި ރޭ ބޯޑެކްސް އަތުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) މޮޅުވެއްޖެ އެވެ.
ބޯޑެކްސް ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީއިން ކާމިޔާބުކުރީ 2-3 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗު ޕީއެސްޖީން ކުޅެފައިވަނީ އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރި އިތުބާރު ފޯވާޑް މެސީއާއި ނުލައެވެ.
މެޗު ފަށައިގެން ޕީއެސްޖީގެ ފަރާތުން ތަފާތު މޮޅު އެޓޭކިންގ ގޭމެއް ފެނިގެންދިޔައިރު ޕީއެސްޖީއިން ގެންދިޔައީ ބޯޑެކްސްގެ ގޯލަށް ފުލުފުލުގައި ހަމަލާތައް ފޮނުވަމުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ޕީއެސްޖީގެ ކީލިއަން އެމްބާޕޭ އަށް ވަނީ ލަނޑު ޖެހުމަށް ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ޕީއެސްޖީއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނޭމާ އެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އެމްބާޕޭގެ އެހީތެރިކަމާއި އެކުގައެވެ. މި ލަނޑަށްފަހު ވެސް ޕީއެސްޖީއިން ގެންދިޔައީ ވޯޑެކްސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށް ނަތީޖާ 0-2 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑު ވެސް ޕީއެސްޖީއަށް ކާމިޔާބު ކޮށްދިނީ އެމްބާޕޭގެ އެހީތެރިކަމާއި އެކު ނޭމާއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-2 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައިއޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުޅުންވެސް ފެށިގެން މޮޅަށް ކުޅެފައިވަނީ ޕީއެސްޖީންނެވެ. ޕީއެސްޖީން އެޓީމުގެ ތިން ވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ 63 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިނަލްޑަމްގެ އެހީތެރިކަމާއި އެކު އެމްބާޕޭއެވެ. ބޯޑެކްސް އިން އެމީހުންގެ ފުރަތަމަ ލަނޑު ޖަހާ ފަރަގު ކުޑަކުރީ މެޗުގެ 78 ވަނަ މިނެޓުގައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެލިސްއެވެ. ބޯޑެކްސްގެ ދެވަނަ ލަނޑު ޖަހާ އިތުރަށް ފަރަގު ކުޑަކުރީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނިޔަންގްއެވެ.
މި މޮޅާއިއެކު ޕީއެސްޖީއިން ފްރެންޗް ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 13 މެޗުން ލިބުނު 34 ޕޮއިންޓާއިއެކުގައެވެ. ދެވަނައިގައި އޮތް ލެންސް އަށް ކުޅުނު 13 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް