އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެވަޓަންގެ މައްޗަށް ފަސޭހަ ކަމާއި އެކު މެންޗެސްޓަރ ޔުނައިޓެޑު މިޅުވެއްޖެ އެވެ.
އެވަޓަންގެ މައްޗަށް މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދީ 1-3 ގެ ނަތީޖާއިންނެވެ.
އެވަޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު އެވަޓަން އިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 19 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބާނާޑްއެވެ. ނަމަވެސް މެޗުގެ 25 ވަނަ މިނެޓްގައި ބްރޫނޯ ފާނަންޑޭސް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އަދި މެޗުގެ 32 ވަނަ މިނެޓްގައި ފާނަންޑޭސް ވަނީ ޔުނައިޓެޑްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގާދީފައެވެ.
ޔުނައިޓެޑުން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު، ދެވަނަ ހާފަށް ކުޅެން ނިކުމެވެސް ޔުނައިޓެޑުން ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.
ޔުނައިޓެޑަށް މި މެޗުގެ ތިންވަނަ ލަނޑު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީ އެވެ. މިއީ ޔުނައިޓެޑަށް ބަދަލުވިފަހުން ކަވާނީ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މި މޮޅާއެކު 10 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ލީގުގެ 13 ވަނައިގައެވެ. އެވަޓަން އޮތީ 13 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް