ހއ. އަތޮޅުން ޅ. އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު އެލާޓު ނެރެފައިވާ ވަގުތު އިތުރުކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މިއަދު މެންދުރު 12:15 ގައި އެ ސަރަހައްދުގެ ރަށްތަކަށް ނެރުނު ހުދު އެލާޓުގެ ވަގުތު މިރޭ 9:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ. އުތުރުގެ އަތޮޅުތަކަށް އެލާޓު ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށެވެ.
ހުދު އެލާޓު ނެރެނީ މޫސުން ގޯސްވެ ހާދިސާއެއް ހިނގާފާނެކަން ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.
ބޯކޮށް ވާރޭވެހި ގުގުރިޔަސް އެއްވެސް ސަރަހައްދަކަށް ވައި ގަދަ ނުވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. ވައި އެންމެ ގަދަވާނެ ކަމަށް ލަފާ ކުރަނީ ވިލާގަނޑުގައި 35 މޭލު ބާރު މިނުގައި އެވެ.
އާންމުގޮތެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އަދި ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ.
އުތުރުގެ އަތޮޅުތަކަށް މިހާޜު ކުރަމުންދާ ވިއްސާރައިގަ ބައެއް ރަށްރަށުގައި ވަނީ މަގުތަކުގައި ފެން ބޮޑުވެފައި އެވެ. އަދި އެމްއެންޑެފްއިން ދަނީ ފެންބޮޑުވެފައިވާ ބައެއް ރަށްރަށުގައި ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް