ފިޗް ފަދަ ބައިނަލްއަގުވާމީ އިންޑިކޭޓަރުންގެ ވާހަކަ އަހަންވާނެ ކަމަށް އައްޔިތުންގެ މަޖިލީހުގެ ރައީސް، ރައިސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ފިޗުން ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކުރުމުން އެކަން ބަލައި ނުގަންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނުމުންނެވެ. ފިނޭންސް އިން ބުނީ ކޯވިޑުގެ ހާލަތު ފުރަތަމަ ކުރިމަތިވިއިރު އިގްތިސާދީ ގޮތުން ވާނެ ގޮތަކާމެދު ސުވާލު އުފެދުނު ނަމަވެސް ރާއްޖޭގެ ހާލަތަށް އަންނަމުންދާ ބަދަލުތައް ސަރުކާރުން އާންމު ކުރަމުންދާ ކަމަށެވެ.
ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރޭޓު ދަށްކުރިޔަސް ފިޗުގެ އަޑުއަހަން ޖެހޭ ކަމަށެވެ. އެކަމަކު ބޭރު ފަރާތްތަކަށް ދައްކަން ޖެހޭ ލޯނުތައް ރީސްޓްރަކްޗާ ކޮށްފިނަމަ ގައުމު ދަރަނި ނުވާނެ ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ޓުވީޓުގައި ވަނީ ވަކިން ހާއްސަކޮށް، ޗައިނާގެ ވިޔަފާރި ކުންފުނިތަކަށް ދައްކަން ޖެހޭ ލޯނުތަކުގެ ވާހަކަ ފާހަގަ ކުރައްވާފައި އެވެ. އިތުރަށް ވިދާޅުވީ ޓޫރިޒަމް އާއި ދަތުރުފަތުރުގެ ދާއިރާ ކުރިއަރަމުންދާތީ އެމަނިކުފާނަށް އުންމީދު ބޮޑު ކަމަށެވެ.
https://twitter.com/MohamedNasheed/status/1324924946498252801
ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށް ނެރުނު ނޫސްބަޔާނުގައި ބުނީ ފާއިތުވި މަސްތަކުގައި ރާއްޖޭގެ އިގްތިސޯދު ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ދުނިޔޭގެ ނިސްބަތުން ކޯވިޑާއި ގުޅިގެން އިގްތިސާދަށް އެންމެ ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ފިޗުން ބުނެފައިވެ އެވެ.
އެގޮތުން ރާއްޖޭގެ އިގްތިސާދު 30 ޕަސެންޓް ދަށަށް ދާނެ ކަމަށް ލަފާ ކުރެ އެވެ.
ފިޗުގެ މި ބަޔާނާއި ގުޅިގެން ފިނޭންސުން ބުނީ ކޯވިޑް ރާއްޖޭގައި ކޮންޓްރޯލް ކުރަމުން އަންނަ ކަމަށެވެ. އަދި ބޯޑަރު ހުޅުވި ފަހުން ޓޫރިޒަމް ދާއިރާ އާއި އާއި އެއާލައިންގެ ދަތުރުތައް އިތުރުވަމުން ދާއިރު އިގްތިސޯދު ވަރަށް ހަލުވި ކަމާއިއެކު ކުރިއަރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް