އިންޑިއާ އާއި އެކުވެފައިވާ އެއްބަސްވުންތައް ހާމަ ކުރުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ވެފައިވާ އެއްބަސްވުންތައް ހާމަ ކުރުމަށް ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރަައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ. ޝިޔާ...

07 Oct 2020 | 10:08

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ވެފައިވާ އެއްބަސްވުންތައް ހާމަ ކުރުމަށް ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ރަައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.

ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވެފައި ވަނީ އިންޑިއާއާ އެކު ރާއްޖޭން ސޮއިކޮށްފައިވާ އެކި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ އަރައިފާނެ ކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށެވެ. އަދި އިންޑިއާއާ ރާއްޖެއާ ދެގައުމުގެ ދެމެދަށް މި އެއްބަސްވުންތަކުގެ ސަބަބުން ބުރޫ އަރާފާނެ ކަމަށް އެމައްސަލާގައި ބުނެފައިވެ އެވެ.

މި މައްސަލަ މަޖިލީހަށް ބަލައި ނުގަންނަން ނިންމައި ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ ރާއްޖޭގެ ގައުމީ ސަލާމަތާއި ގުޅޭ ކަންކަމާއި ހާރިޖީ ގުޅުންތަކާ ބެހޭ ނިންމުންތަކަކީ ރައީސުލް ޖުމްހޫރިއްޔާއަށް ހާއްސަ ކަންތައްތައް ކަމަށެވެ. ރައްޔިތުން އެއްވެސް ޒިންމާއެއް އުފުލަން ޖެހޭ ކަހަލަ އެއްބަސްވުމެއްގައި ދައުލަތުން ސޮއިކުރާ ނަމަ މަޖިލީހުން ރުހުން ހޯދާ ކަމަށާއި މިއީ މަޖިލީހަށް ބަލައިގަނެވޭނެ ކުއްލި މައްސަލައެއް ނޫންކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި މައްސަލަ ބަލައިނުގަންނަން ނިންމުމުން ޝިޔާމް ވިދާޅުވީ މި ސަރުކާރުއޮތްހާ ދުވަހަކު މި މަޖިލިސް ތަޅުލާފައި ބަހައްޓަން ފެންނަ ކަމަށެވެ. އަދި މިއަދަކީ މިިއީ ޑިމޮކްރަސީގައި މަޖިލީހުން ފަހަތަށް ފިޔަވަޅެއް އެޅި ދުވަހެއް ކަމަށާއި އެކަމާ ވަރަށް ހިތާމަކުރައްވާ ކަމަށެވެ.

އިންޑިއާ އާއި ގުޅޭ އެއްބަސްވުންތަކުގެ މައްސަލަ މަޖިލީހުގައި ކުރިޔަށް ނުގެންދަން ނިންމި އިރު ޑިފެންސް މިނިސްޓްރީން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައންގެ އަދަދާއި އެއްބަސްވުންތަކުގެ ތަފްސީލް ހާމަ ކުރަން ދެކޮޅު ހަދާފައި އެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް