ޖަލަށް ހުކުމް ކުރި އަދީބު ގޭބަންދުގައި، ޖާބިރުގެ ތުހުމަތުތަކެއް ސަރުކާރަށް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދުގައި ހުންނެވުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސަރުކާރަށ...

07 Oct 2020 | 09:29

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭ ބަންދުގައި ހުންނެވުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސަރުކާރަށް ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ އަދީބު ގޭބަންދަށް ބަދަލު ކުރީ ސަރުކާރަށް ރިޝްވަތު ދީގެން ކަމަށެވެ. ޖާބިރު ވިދާޅުވީ އަދީބު ގެއަށް ބަދަލު ކުރީ ސަރުކާރާއި ޑީލް ހަދައިގެން ކަމަށާއި ދައުލަތް ލޫޓުވާލި މީހަކަށް އެފަދަ ޚާއްސަ ގޮތަކަށް އަމަލު ކުރަންވީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.

މި އުސޫލުން ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ގޭ ބަންދަށް ބަދަލު ކުރެވެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފެންނަމުން ދަނީ ތަފާތު ކުރުން ކަމަށާއި ރައްޖޭގައި އަދުލު އިންސާފު ގާއިމްކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ފެންނަމުން ނުދާ ކަމަށެވެ.

މި ދައުވާތަކުގެ ހުކުމް ކުރުމުގެ ކުރިން ޖަލު ބަންދުގައި ހުރި އަދީބު ވަނީ ގޭބަންދަށް ބަދަލު ކޮށްފައި އެވެ. ކަރެކްޝަންސްގެ އޮޮފިޝަލަކު މީޑިއާގައި ވިދާޅުވެފައިވަނީ ހުކުމް ކުރުމާއި އަދީބު މާލޭ ޖަލަށް ބަދަލު ކުރި ކަމަށެވެ.

އެކަމަކު އަނެއްކާވެސް ގޭ ބަންދަށް ބަދަލު ކުރީ އަދީބުގެ ސިއްހީ ހާލަތު ތަން ނުދޭތީ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ހަތް ދައުވާއެއް ދައުލަތުން އުފުލި އެވެ. އެ ހުރިހާ ދައުވާއަކަށް އަދީބު އިއުތިރާފުވެފައިވާތީ ކްރިމިނަލް ކޯޓުން ވަނީ 20 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށް ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް