ބޮލީވުޑްގައި ކުރިއަރަމުން އައި ބަތަލް ސުޝާންތު ސިންގް ރާޖްޕުޓްގެ މަރުގެ މައްސަލައިގަ ހައްޔަރުކޮށްފައި ހުރި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.
އޭނާ ދޫކޮށްލީ ބޮންބޭ ހައި ކޯޓުންނެވެ. ކަފާލާތުގެ ދަށުން މިނިވަންވުމަށް އޭނާ އެއް ލައްކަ ރުޕީސް ކޯޓަށް ދައްކަން ޖެހުނެވެ.
ރިއާ މިއަދު ދޫކޮށްލީ އިތުރު 14 ދުވަހަށް އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް އިއްޔެ ކޯޓުން މުއްދަތު ޖަހައިދީފައި ވަނިކޮށެވެ. ކަފާލާތުގެ ދަށުން ރިއާ މިނިވަން ވިޔަސް ސުޝާންތުގެ މަރާ ގުޅިގެން ހައްޔަރުކޮށްފައިވާ އޭނާގެ ބޭބެ ޝޯވިކް ޗަކްރަބަތީ ކަފާލާތުގެ ދަށުން ދޫކޮށްނުލުމަށް ކޯޓުން ވަނީ ނިމްމާފައި އެވެ.
މި ދެ މީހުން ހައްޔަރު ކުރީ ސުޝާންތައް މަސްތުވާތަކެތި ހޯދައި ދިނުމަށް މަސައްކަތް ކޮށްފައިވާތީ އެވެ. މުމްބާއީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ ތަހުގީގަށް އެނގިފައިވާ ގޮތުުގައި ޝޯވިކް އަކީ މަސްތުވާތަކެތީގެ ބޮޑު ގޭންގަކާއި ގުޅުން އޮންނަ މީހެކެވެ.
މި މައްސަލައިގަ ރިއާގެ ގާނޫނީ ވަކީލު ކޯޓުގައި މީގެ ކުރިން ބުނެފައިވަނީ ސުޝާންތު މަސްތުވާތަކެތީގެ އަވައިގަ ޖެއްސީ ރިއާ ކަމަށް ނުބުނެވޭނެ ކަމަށެވެ. އެއީ ރިއާ އާއި ލޯބީގެ ގޮތުން ގުޅުމުގެ ކުރިންވެސް ސުޝާންތު މަސްތުވާތަކެތި ބޭނުން ކުރި ކަމަށެވެ.
ސުޝާންތާއި ބެހޭ ގޮތުން ދިން އިންޓަވިއުއެއްގައި ރިއާ ބުނީ ސުޝާންތަކީ ކޮންމެ ދުވަހަކު މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މަރުޖުއާނާގެ25 ގްރާމް ބޭނުން ކުރާ ކަމަށް ބުންޏެވެ.
ސުޝާންތު އަމިއްލައަށް ދަންޖެހިގެން މަރުވެފައި ހުއްޓަފެނިފައިވަނީ މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އޭނާ ދިރިއުޅޭ އެޕާޓްމެންޓުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް