ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރު ކުރި މީހުންނަށް ސަރުކާޜުން ދޫކުރަމުންދާ އިންކަމް ސަޕޯޓު އެލަވަންސް މިއަހަރުގެ ނިޔަލަށް ދޫކުރަން ނިންމައިފި އެވެ.
މިކަން ހާމަ ކުރެއްވީ ކާށިދޫ ދާއިރާގެ މެމްބަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްކެވި ވާހަކައިގައެވެ. އިންކަމް ސަޕޯޓު އެލަވަންސް ދޭން ފަށާފައިވަނީ މިދިޔަ އޭޕްރިލް މަހު އެވެ.
މިނިސްޓަރު ވިދާޅުވީ ޑިސެމްބަރު މަހުގެ ނިޔަލަށް އިންކަމް ސަޕޯޓު އެލެވަންސް ދޭން ނިންމާފައިވާ ކަމަށެވެ. އަދި ކޯވިޑްގެ ހާލަތު ރަނގަޅު ނުވެއްޖެ ނަމަ އެ މުއްދަތި އަދިވެސް އިތުރު ކުރާނެ ކަމަށެވެ.
މިއީ އިންކަމް ސަޕޯޓު އެލަވަންސް ދޭ މުއްދަތު އިތުރު ކުރި ދެ ވަނަ ފަހަރެވެ. އޭޕްރިލް އިން ޖޫން މަހުގެ ނިޔަލަށް ދޭން ނިންމި އެލަވަންސްގެ މުއްދަތު ފުރަތަމަ އިތުރު ކުރީ ޖުލައި، އޮގަސްޓު އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދޭގޮތަށެވެ.
މިނިސްޓަރު ވިދާޅުވީ މިހަތަނަށް އެލަވަންސްގެ ގޮތުގައި ވަޒިފާއަށް އަސަރު ކޮށްފައިވާ މީހުންނަށް 96.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. މި އެލަވަންސް ދޫކުރަނީ ވަޒީފާއަށް އަސަރު ކުރި މީހުންނާއި ދަނޑުވެރިންނާއި މަސްވެރިންނަށެވެ.
އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ދެނީ 5،000 ރުފިޔާ އެވެ. 5،000 ރުފިޔާގެ އާމްދަނީ ނުލިބޭ މީހުންނަށާއި އެއަށްވުރެ ދަށުން ލިބޭނެ ނަމަ 5،000 ރުފިޔާއަށް މަދުވާ ބައި ހަމަކޮށްދީގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް