ކޮވިޑް-19 ގެ ނުރައްކާތެރިކަން މުޅި ދުނިޔެއަށް ވެސް ފެތުރިފައި ވާއިރު، ރާއްޖެއަށް ވެސް ވަނީ މި ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން ރާއްޖެއިން ވެސް އަންނަނީ މިބައްޔަށް ފައްސިވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.
އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާރު ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ މީހުންގެ އަދަދު ވަނީ ޖުމްލަ 10621 އަށް އަރާފައެވެ. އަދި މި ބަލިން މިހާތަނަށް 9466 މީހަކު ރަނގަޅުވެފައިވާއިރު، 34 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި ބަލީގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެއްސަކާއި ހަތް ބިދޭސީއެކެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުނުތާ މިއަދަށް 213 ދުވަސް ވެފައިވާއިރު، އަދިވެސް އެ ބައްޔަށް ފަރުވާ ދޭ 1114 މީހަކު އެބަތިއްބެވެ. މީގެ ތެރެއިން 68 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 6740 ދިވެހިންނާއި 3881 ބިދޭސީއެކެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ފައްސިވެފައި ވަނީ އުމުރުން 21 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުންނެވެ.
މާލޭގެ އިތުރުން ރާއްޖޭ އެކި ކަންކޮޅުތަކުގައިވެސް ކޮވިޑް-19 ގެ ބަލިމަޑުކަން ދަނީ ވަރަށް ހަލުވިކަމާއި އެކު ފެތުރެމުންނެވެ. އެގޮތުން އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގެ 22 ރަށެއްގައި އާއި 20 ރިސޯޓެއްގައި ކޮވިޑް-19 ޕޮސިޓިވް ކޭސަތައް އެބަހުއްޓެވެ. އެގޮތުން ރިސޯޓުތަކުން މި ބައްޔަށް އަށް ފައްސިވި މީހުންގެ ތެރޭގައި މިވަގުތު ފަރުވާ ހޯދާ 10 ފަތުރުވެރިޔަކާއި 15 މުވައްޒަފަކު އެބަތިބިކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަގުތު ވެސް ކޮވިޑް-19 އާއި ގުޅިގެން އައިސޮލޭޝަނުގައި 407 މީހަކު އެބަތިއްބެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ޖުމްލަ 162,163 ސާމްޕަލް ނަގާފައިވާ ކަމަށް ވެސް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އިއްޔެ ވެސް ރާއްޖެއިން އިތުރު 54 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ ރާއްޖެއިން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ 45 ދިވެހިންނާއި 9 ބިދޭސީއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް