ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ގާނާ މިޑްފީލްޑަރ ތޯމަސް ޕާޓޭ އާސެނަލްއަށް ބަދަލުވެއްޖެއެވެ.
ތޯމަސް ޕާޓޭ އާސެނަލްއަށް ބަދަލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އުމުރުން 27 އަހަރުގެ ޕާޓޭ ހޯދުމަށް އާސެނަލްއިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، އެޓީމަށް ޕާޓޭ ގެނެވޭގޮތް ވީ ޓްރާންސްފާގެ މުައްދަތުގެ އެންމެ ފަހު ދުވަހުއެވެ. އެތްލެޓިކޯއިން އާސެނަލް އަށް ޕާޓޭ ދޫކޮށްލަން އެއްބަސްވެފައިވަނީ އޭނާގެ ރިލީޒް ކްލައުސް ފީގެ ގޮތުގައި 45 މިލިއަން ޔޫރޯ ދެއްކުމުންނެވެ. ޕާޓޭ އާސެނަލްއަށް ބަދަލުވެ އެޓީމާއި އެކު ހަތަރަު އަހަރުގެ އެއްބަސްވުމެއް ހެދިއިރު، އޭނާ އެތްލެޓިކޯއާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ތިން އަހަރު އެބައޮތެވެ.
ޕާޓޭ މިހާރު އާސެނަލްއާއި ގުޅިފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން އާސެނަލްއިން އޭނާއަށް ހަފުތާއަކު 250،000 ( ދެލައްކަ ފަންސާސް ހާސް) ޕައުންޑް ލިބޭނެއެވެ.
2015 ވަނަ އަހަރު މަލޯކާއިން އެތްލެޓިކޯ މެޑްރިޑަށް ބަދަލުވި ޕާޓޭ ވަނީ އެޓީމުގައި ހޭދަކުރި ހަތަރު ސީޒަނުގައި188 މެޗު ކުޅެދީ12 ގޯލު ކާމިޔާބު ކޮށްދީފައެވެ.
އަދި މީގެ އިތުރުން ޕާޓޭ ވަނީ އެތްލެޓިކޯއާއި އެކު ޔޫއެފާ ޔޫރޮޕާލީގަކާއި ޔޫއެފާ ސުޕަކަޕެއް ވެސް ކާމިޔާބު ކޮށްފައެވެ. އަދި2015 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައިވެސް އެތްލެޓިކޯއާއި އެކު ޕާޓޭ ކުޅެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް