އައިޓީއެފްސީއާ ސަރުކާރާއި ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ: ފިނޭންސް މިނިސްޓްރީ
ދިވެހި ސަރުކާރާއި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު ފަސް އަހަރު ދުވަހަށް 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިން ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ދައުލަތާއި ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިތަކަށް ޓްރޭޑް ފައިނޭންސިން ފެސިލިޓީ ހަމަޖެއްސުމަށް ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ މުއްދަތަކީ މިއަހަރުން ފެށިގެން 2031 އާއި ހަމައަށެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންސް މިނިސްޓަރު އަދި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކު (އައިޑީބީ) ގައި ރާއްޖެއިން ކަނޑައަޅުއްވާފައިވާ ގަވަރުނަރު ހަސަން ޒަރީރެވެ. އައިޓީއެފްސީގެ ފަރާތުން ސޮއިކުރެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އެ ކޯޕަރޭޝަނުގެ ސީއީއޯ އިންޖިނިއަރު އަދީބު ޔޫސުފް އަލް-އާމާއެވެ.
މި ފްރޭމްވޯކުގެ ތެރެއިން ކާބޯތަކެއްޗާއި ޒަރޫރީ މުދާ ގެނައުމަށާއި ރާއްޖެއިން ބޭރުކުރާ މުދަލުގެ ވިޔަފާރި ފުޅާކުރުމަށް މާލީ އެހީތެރިކަން ލިބިގެންދާނެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ޝަރުތު ފުރިހަމަވާ އަމިއްލަ ކުންފުނިތަކަށް ވެސް ބޭންކުތައް މެދުވެރިކޮށް މި ފެސިލިޓީ ބޭނުންކުރެވޭނެއެވެ. އޭގެ އިތުރުން ވިޔަފާރީގެ ފަންނީ އެހީތެރިކަމާއި ބައިނަލްއަޤުވާމީ ބާޒާރުތަކަށް ރާއްޖޭގެ އުފެއްދުންތައް ވާސިލުކުރުމަށް ޤާބިލުކަން އިތުރުކުރުމުގެ މަޝްރޫޢުތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ އައިޓީއެފްސީ އުފެދުނީއްސުރެ ރާއްޖެއަށް ދެމުންދާ އެހީ ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށެވެ. ކުރިން ހަމައެކަނި ހަކަތައިގެ ދާއިރާއަށް ލިބެމުންދިޔަ އެހީ މިހާރު ވިޔަފާރިއާއި ތަރައްޤީގެ ދާއިރާތަކަށް ފުޅާވެ ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އެތެރެކުރުމާއި މަސްވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީ ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.
ޚާއްޞަކޮށް 2017 ވަނަ އަހަރުން ފެށިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ދެމުންދާ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ މެދުނުކެނޑި ގަތުމަށް ފައިސާ ހަމަޖެހި ދައުލަތުގެ ވިޔަފާރި މުޢާމަލާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އައިޓީއެފްސީގެ ސީއީއޯ އިންޖިނިއަރު އަދީބު އަލް-އާމާ ވިދާޅުވީ މި އެއްބަސްވުމަކީ ގިނަ އަހަރުތަކެއްގެ ގާތް ގުޅުމުގެ ނަތީޖާ ކަމަށާއި މީގެ ސަބަބުން ރާއްޖޭގެ ބޭންކުތަކާއި ޕްރައިވެޓް ސެކްޓަރާ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ. އެ ބޭފުޅާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި މިނިސްޓަރު ޒަރީރާއި މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރާ ބައްދަލުކުރައްވައި އިޤުތިޞާދީ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އެސްޓީއޯގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައި އެ ކުންފުނީގެ ބައެއް ފެސިލިޓީތައް ބައްލަވައިލެއްވިއެވެ.
މިއަދު ސޮއިކުރި އެއްބަސްވުމަކީ 2019 އިން 2024 އަށް ހިނގި ފުރަތަމަ ފަސް އަހަރުގެ އެއްބަސްވުން ހަމަވުމުން ސޮއިކުރި އާ އެއްބަސްވުމެކެވެ. ކުރީގެ އެއްބަސްވުމުގައި 1.5 ބިލިއަން ޑޮލަރު ކަނޑައެޅި ނަމަވެސް ބޭނުންކޮށްފައިވާ ޢަދަދު 1.7 ބިލިއަން ޑޮލަރަށް އަރާފައިވެއެވެ.
އައިޑީބީ ގްރޫޕުގެ މުއައްސަސާއެއް ކަމުގައިވާ އައިޓީއެފްސީން 2008 ވަނަ އަހަރު ހިންގުން ފެށީއްސުރެ ރާއްޖެއަށް ޖުމުލަ 3.3 ބިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު އެ ކޯޕަރޭޝަނުން މިހާތަނަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކަށް 100 ބިލިއަން ޑޮލަރަށް ވުރެ ގިނައިން ފައިނޭންސިން އެހީ ފޯރުކޮށްދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް