ކިންގ ސަލްމާން މިސްކިތް ހުޅުވޭނެ ތާރީޚު ދަންނަވަން ދަތި: މިނިސްޓަރ

މާލޭގައި ހަދާ ކިންގ ސަލްމާން މިސްކިތް ހުޅުވޭނެ ތާރީޚު ދަންނަވަން ދަތިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ. މިއީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އިރުމަތީ ފަ...

07 Sep 2020 | 08:02

މާލޭގައި ހަދާ ކިންގ ސަލްމާން މިސްކިތް ހުޅުވޭނެ ތާރީޚު ދަންނަވަން ދަތިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިއީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ އިރުމަތީ ފަރާތުގައި ހަދާ މިސްކިތެކެވެ.

މިނިސްޓަރ ވިދާޅުވީ ކޮންޓްރެކްޓަރު ކުރަން ޖެހޭ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެ މިސްކިތަކީ ސައުދީގެ އެހީގައި އިމާރާތްކުރި މިސްކިތަކަށް ވެފައި، އެ ފަރާތުގެ ބައިވެރިވުމާއެކު އެތަން ހުޅުވަން ބޭނުން ވުމަކީވެސް ހުޅުވޭނެ ވަކި ތާޜީޚެއް ދަންނަވަން ނޭނގޭ ސަބަބެއް ކަމަށެވެ. އަދި އޮޑިޓޯރިއަމާއި ބައެއް އެހެން ޚިދުމަތްތަކަށް ބޭނުންވާ ފަރުނީޗަރު ހޯދައި ތަން އެއްކޮށް ނިންމުމަށް ކުރަން ޖެހޭ މަސައްކަތްތަކެއްވެސް އެބަހުރި ކަމަށް މިނިސްޓަރ ވިދާލޅުވިއެވެ.

ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ފަރުނީޗަރުތަކަކީ އެއްބަސްވުމުގައި ނެތް ތަކެތި ކަމަށާއި އެތަކެތި ރާއްޖެއިން ބޭރުން ގެންނަން ޖެހުމަކީވެސް ދިމާވި ދައްޗެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެތަކެއްޗަށް ބޭނުންވާ ޕްރޮޕޯސަލްތަކާއި އެއްޗެހި ހޯދާފައިވީ ނަމަވެސް ކޮވިޑާ ގުޅިގެން އިގްތިސާދަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ މިދަނޑިވަޅުގައި އެފަދަ ބޮޑު ޚަރަދެއް ކުރުމަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަސައްކަތް ފެށި މި މިސްކިތަކީ ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ)ގެ ބަޖެޓަކާއެކު މަސަައްކަތް ފެށި މިސްކިތެކެވެ. އެ މިސްކިތް ހަދަން ހަވާލުކުރީ ތުރުކީގެ ޓާމެކްސް ކުންފުންޏާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް