އަރްޖުން އާއި ލޯބިވެރިޔާ މަލައިކާ ކޯވިޑަށް ޕޮސިޓިވް ވެއްޖެ

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާ ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މި ދެ ތަރިންނަކީ ލޯބީގެ ގޮތުން ގުޅުނީ 2018 ވަނަ އަހަރު އެވެ. އަރްޖުން ކޯވިޑަށް ޕޮސިޓިވްވިކަން...

07 Sep 2020 | 05:05

ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާ ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މި ދެ ތަރިންނަކީ ލޯބީގެ ގޮތުން ގުޅުނީ 2018 ވަނަ އަހަރު އެވެ.

އަރްޖުން ކޯވިޑަށް ޕޮސިޓިވްވިކަން ހާމަކުރީ އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އެވެ. މަލައިކާއަށް ބަލި ޖެހުނުކަން ހާމަ ކުރީ އޭނާގެ ކޮއްކޮ އަބްރިތާ އަރޯރާ އެވެ.

އަރްޖުން އަށް ކޯވިޑް ޖެހުނުކަން އާންމު ކުރި މެސެޖުގައި ބުނެފައިވާގޮތުގައި އޭނާ ހުރީ ހޯމް ކަރަންޓީންގައި އެވެ. އަދި ހާލު ރަނގަޅެވެ. އެކަމަކު މަލައިކާއަށް ކޯވިޑް ޖެހުނުކަން ފިޔަވާ އިތުރު މައުލޫމާތު އާއިލާއިންވެސް އަދި އޭނާވެސް ހާމައެއް ނުކުރެ އެވެ.

ދެ ލޯބިވެރިން ކޯވިޑަށް ޕޮސިޓިވްވި އިރު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަރްޖުންގެ ކުރިޔަށް އޮތް ފިލްމުގެ މަސައްކަތް މިދިޔަ މަހު ފަށާފައިވާއިރު އަމްރިތާ ދަނީ ސޮނީ ޓީވީގެ ޑާންސް ޝޯ "އިންޑިއާސް ބެސްޓް ޑާންސާ" ގެ ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި ދެމީހުންގެ ތެރެއިން ފުރަތަމަ ބަލި ޖެހުނު ކަމަށް ބެލެވެނީ މަލައިކާ އަށެވެ. އެއީ "އިންޑިއާސް ބެސްޓް ޑާންސާ" ގައި މަސައްކަތް ކުރޫއިންގެ ތެރެއިން ބަޔަކު މިދިޔަ ހަފްތާގައި ކޯވިޑަށް ޕޮސިޓިވްވެފައިވާތީ އެވެ.

އުމުރުން 34 އަހަރުގެ އަރުޖުން 46 އަހަރުގެ މަލައިކާ އާއި ގުޅިގެން އުޅޭއިރު މަލައިކާގެ 17 އަހަރުގެ ފިރިހެން ދަރިއަކު ހުރެ އެވެ. އެއީ ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާން އާއި އިނދެގެން ލިބިފައިވާ ކުއްޖެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް