ޝައްކެއްވެސް ނެއްގޮތުގައި މާތްވެގެންވާ އިސްލާމްދީން އިންސާނާއަށް އެއްމެ ސީދާވެގެންވާ މަގަށް މަގުދައްކައެވެ. އެއީ ފަލާޙާއި ކާމިޔާބު ލިބެނިވިމަގެވެ. އެންމެހާ ރިވެތި އަޚްލާޤީ ޞިފަތަކެއް އިސްލާމްދީން އަޅުގަނޑުމެނަށް ދަސްކޮށްދެއެވެ. މާތްނަބިއްޔާ މުޙައްމަދު صلى لله عليه وسلم ވަނީ އެ ނަމޫނާ އުއްމަތަށް ދައްކަވާފައެވެ.
މުޖުތަމަޢުގެ ހަމަޖެހުމާއި އަމާންކަމަކީ އެ މުޖުތަމާޢުއެއްގެ އަފުރާދުންގެ އުޅުމާއި ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. އެހެން ކަމުން މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އޮންނަންޖެހޭ އިޖްތިމާޢީ ގުޅުން ހަރުދަނާވެގެން ދިޔުމަށްޓަކައި އެކަކު އަނެކަކާއި ބައްދަލުވެ ފެނިދެނިވުމުން ސަލާމްކޮށް އުޅުމަކީ އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވާފައިވާ ކަމެކެވެ.
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ދެކޭ ގޮތުގައި އެކަކު އަނެކަކާއި ބައްދަލުވާ ހިނދު ސަލާމް ގޮވުމާއި ސަލާމް ކުރުމަކީ ބޯދާ ކަޓްކަމެކެވެ. އެގޮތުން މަދު ބަޔަކު ނޫނީ އެކަކު އަނެކަކާއި ބައްދަލުވާ ހިނދު ސަލާމް ގޮވާލާ ސަލާންގަލާ ބަދަލުކޮށެއް ނޫޅެއެވެ.
އެކަކު އަނެކަކާއި ބައްދަލުވާ ހިނދު ސަލާމް ގޮވާ، ސަލާމްކޮށް ހެދުމަކީ ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމްގެ ބަސްފުޅުތަކުން އެނގި ސާވުވާން އޮތްފަދައިން އެއްމުސްލިމަކު އޭނާގެ އަނެއް އަޚާއާމެދު އަދާކުރަންޖެހޭ ޙައްޤެކެވެ. ވާޖިބެކެވެ.
އެގޮތުން ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމް ހަ ކަމެއް ބަޔާންކުރައްވާފައިވެއެވެ. އެއްމުސްލިމަކު އޭނާގެ އަނެއް އަޚާއާމެދު އަދާކުރަންޖެހޭ ހަ ހައްޤެއްވެއެވެ. ހަ ވާޖިބެއްވެއެވެ. ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމް ހަދީޘްފުޅު ކުރައްވާފައިވެއެވެ. "މުސްލިމަކު އޭނާގެ އަޚާއާމެދުގައި އަދާކުރަންޖެހޭ ޙައްޤުތައް ހައެކެއެވެ. އެހިނދު ﷲ ގެ ރަސޫލައަށް ދެންނެވުނުވެ. އެ ހައްޤުތަކަކީ ކޮބައިތޯއެވެ."
ދެން އިތުރުކަލޭގެފާނު ހަދީޘްކުރެއްވީ " ތިބާގެ އަޚާއާ ބައްދަލުވެއްޖެނަމަ އޭނާއާ ސަލާމްކުރާށެވެ. އޭނާއާ ސަލާމްކުރާށެވެ. ނުވަތަ ސަލާމް ގޮވާށެވެ."
ކަން މިހެން ހުރިއިރު، ސަލާމަކީ އެއީ ތިމާގެ ހިތް އަނެކާއާމެދުގައި ސާފުކޮށް އޮތްކަމުގެ ހެއްކެކެވެ. އޭގެ ރަމްޒެކެވެ. އެކުވެރިކަމުގެ ރަމްޒެކެވެ. ލޮބުވެތިކަމުގެ ރަމްޒެކެވެ.
ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް އެހެން ބަސްފުޅެއްގައިވެސް ހަދީޘްކުރައްވާފައިވެއެވެ. "ތިޔަބައިމީހުންގެ ތެރޭގައި ސަލާމް ފަތުރާށެވެ. ސަލާމް ފެތުރުމަކީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ލޮބުވެތިކަން އިތުރުވެގެންދާނެކަމެކެވެ." އެހެންކަމުން ފުރަތަމަ ކަމެއްގެގޮތުގައިވެސް ބަޔާންކުރައްވާފައިވަނީ ސަލާމްކުރާށެވެ. އެހެންކަމުން އެންމެ ފުރަތަމަ ކަމަކަށްވެސް ސަލާމްކުރުމާއި ސަލާމް ގޮވުން އަޅުގަނޑުމެން އިތުރު ކުރަންޖެހެއެވެ.
މީގެ އިތުރުން ވެސް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ހަދީޘްކުރައްވާ ފައިވާ ބަސްފުޅެއްގައި ވެއެވެ. " މީސްތަކުން ކުރެ އެންމެ ދަހި ބަޚީލު މީހަކީ ސަލާމް ގޮވާލުމަށް ދަހިވެތިވާ މީހާއެވެ. އަދި މީސްތަކުން ކުރެ އެންމެ ނުކުޅެދުންތެރިއަކީ ދުޢާކޮށް އުޅުމަށް ނުކުޅެދިގެންވާ މީހާއެވެ."
އެހެން ޙަދީޘެއްގައި އެކަލޭގަފާނު صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. ” لا تدخلوا الجنة حتى تؤمنوا، ولا تؤمنوا حتى تحابوا، أولا أدلكم على شيء إذا فعلتموه تحاببتم؟ أفشوا السلام بينكم “ رواه مسلم. މާނަ : “ތިބައިމީހުންގެެ ތެރެއިން އެއްވެސް މީހަކު އީމާން ނުވަނީސް ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަަކަށް ލޯބި ކޮށްފުމަށްދާންދެން އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއްކޮށްފިނަމަ ތިޔަބައިމީހުންގެ މެދުގައި ލޯބި އުފެދޭނޭ ކަމެއް ތިމަންކަލޭގެފާނު ބުނެދެންހެއްޔެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ފަތުރާށެވެ.”
ޢަބްދުﷲ ބިން ޢަމްރު ބިން ޢާޞް رضي الله عنهما ވިދާޅުވިއެވެ. أَنَّ رَجُلاً سَأَلَ رَسُولَ اللهِ صلى الله عليه وسلم أَيُّ الإِسْلاَمِ خَيْرٌ قَالَ” تُطْعِمُ الطَّعَامَ وَتَقْرَأُ السَّلاَمَ عَلَى مَنْ عَرَفْتَ ، وَمَنْ لَمْ تَعْرِفْ “ متفق عليه. މާނަ : މީހަކު ރަސޫލުﷲ صلى الله عليه وسلم އާއި ސުވާލު ދެންނެވިއެވެ. އިސްލާމުކަމުގެ އެންމެ ރިވެތި ޞިފައަކީ ކޮބައިތޯއެވެ؟ އެކަލޭގަފާނު ޙަދީޘް ކުރެއްވިއެވެ. ” ބޭނުންޖެހިފައިވާ މީހުންނަށް ކާއެތިކޮޅު ދިނުމެވެ. އަދި ތިބާ ދަންނަ މީހުންނަށާއި ނުދަންނަ މީހުންނަށް ސަލާމް ގޮވުމެވެ. “
މިލިޔުމަށް މައުޟޫމާތު ނަގާފައިވަނީ: ދިސަލަފިއްޔާ ވެބްސައިޓުންނާއި ޑރ މުޙައްމަދު ޝަޙީމް އަލީ ޝަޢީދު ސަލާމް ކުރުމާއި ގުޅޭގޮތުން ދެއްވާ ފައިވާ ދަރުސަކުން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް