ކޯވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމުން މޮނީޓަރިން ހާލަތުގައި އޮތް، ހއ. އިހަވަންދޫ ސްކޫލުގެ ކިޔެވުން ނުފަށަން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިކަން ހާމަކުރެއްވީ އިހަވަންދޫ ޑޮޓް ކޮމްއަށް ދީފައިވާ އިންޓަވިއެއްގައެވެ.
އެ ނޫހަށް މައުލޫމާތުދެއްވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީން އެކަށައަޅާފައިވާ އެސްއޯޕީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެއްވެސް ރަށެއް މޮނީޓަރިން އަށް ނުވަތަ ކަރަންޓީން ހާލަތުގައިވާނަމަ އެ ރަށެއްގެ ސްކޫލެއް ނުހުޅުވާނެއެވެ.
އިތުރަށް ވިދާޅުވެފައިވަނީ މޮނީޓަރިން ނުވަތަ ކަރަންޓީނު ހާލަތު އުވާލިޔަސް އެ ރަށެއްގެ ސްކޫލު ހުޅުވުމާއިމެދު ގޮތެއް ނިންމާނީ ރަށުގެ ވަކިވަކި ގޭބިސީތައް ކަރަންޓީން ހާލަތުގައި ހުރި މިންވަރަށް ރިއާޔަތް ކުރުމަށްފަހުގައި ކަމަށެވެ.
އެ ރަށު ސްކޫލު ނުހުޅުވަން ނިންމާފައިވާއިރު އެ ރަށުގައި މިއަދާއި ހަމައަށް ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވް ވެ 27 ގޭއް ކަރަންޓީން ހާލަތަށް ގެނެސް މުޅި ރަށް ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް