މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރާ ޑިރެކްޓަރކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.
އެގޮތުން ބުނެފައިވަނީ އެ ކުންފުނީގެ ހިންގާ ޤަވާއިދުގެ 63 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން ކުންފުނީގެ މިހާރުގެ ޙިއްޞާގެ ނިސްބަތަށްބަލާ ޑިރެކްޓަރުންގެ ބޯޑަށް އަމިއްލަ ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރުން އިންތިހާބުކުރަންޖެހޭއިރު މި ދެ ޑިރެކްޓަރުން އިންތިހާބްކުރުން މިއަހަރު ބާއްވާ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި އޮންނާނެ ކަމަށެވެ.
"ބޯޑް ޑިރެކްޓަރ ކަމުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކަކީ މިކުންފުނީގެ ހިންގާ ޤަވާއިދުގެ 73 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ތިރީގައި އެވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ވާންޖެހޭނެއެވެ. އަދި މީގެ އިތުރުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕޮރޭޓް ގަވަރނަންސް ކޯޑުގެ ދެވަނަ ބައިގެ 1.1c ވަނަ މާއްދާގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ އަދި އެ އޮތޯރިޓީގެ "ފިޓް އެންޑް ޕްރޮޕަރ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ ފަރާތްތަކަކަށް ވާންޖެހޭނެއެވެ." އެމްޓީސީސީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާނުގައި ބުނެފައިވަނީ އެމްޓީސީސީގެ 2019 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި ޢާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބު ކުރެވޭ، ޑިރެކްޓަރގެ މަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ، މިދެންނެވުނު ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން، "އެމްޓީސީސީ ގެ ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު"ފުރިހަމަ ކުރެއްވުމަށްފަހު30 އޮގަސްޓް 2020 ވަނަ ދުވަހުގެ 1600 ގެކުރިން އެ ކުންފުނީގެ ސެކްރެޓަރީއަށް އެޑްރެސްކުރައްވާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ ގެ ހެޑް އޮފީސް، އެމްޓީސީސީ ޓަވަރ، 7 ވަނަ ފަންގިފިލާ، އަށް ނުވަތަ[email protected] އީ-މެއިލް އަށް ފޮނުއްވުން އެދޭ ކަމަށެވެ. އަދި އިތުރު މަޢުލޫމާތު ހޯއްދެވުމަށް (960)3001106/3025558 ނަންބަރާއި ގުޅުއްވުން އެދޭ ކަމަށެވެ.
"އެމްޓީސީސީ ގެ ޢާންމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް" އޮފީސް ހުޅުވިފައި ހުންނަ ގަޑީގައި އެމްޓީސީސީގެ މައި އޮފީހުގެ 07 ވަނަ ފަންގިފިލާ އިން ލިބެން ހުންނާނެ ކަމަށާއި އަދި އެމްޓީސީސީގެ ވެބްސައިޓް: www.mtcc.mv އިން ޑައުންލޯޑްކުރެވެން ހުންނާނެ ކަމުގައިވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް