އުތުރުގެ ތިން ރަށަކުން ހަ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

އުތުރުގެ ތިން ރަށަކުން ހަ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން “ދުވަސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕޮސިޓިވްވެފައިވާ މީހ...

06 Aug 2020 | 19:08

އުތުރުގެ ތިން ރަށަކުން ހަ މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން “ދުވަސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ހއ. ފިއްލަދޫއިން ތިން މީހުންނާއި އިހަވަންދޫއިން ދެ މީހުން އަދި ހދ. ނާވައިދޫ މީހެއް ކަމަށެވެ. މީގެ ތެރެއިން ފަސް މީހުންނަކީ ކުރީގެ ކޭސްތަކާއި ގުޅުން ހުރި މީހުންނެވެ.

ނާވައިދޫއިން ޕޮސިޓިވްވެފައިވަނީ އެ ރަށު ހޯމް ކަރަންޓީންގައި ހުރި އުމުރުން 68 އަހަރުގެ ފިރިހެނެކެވެ. އެމީހާ ކޯވިޑަށް ޕޮސިޓިވްކަން އެނގުނީ ކަރަންޓީންގެ 14 ދުވަހުގެ މުއްދަތު ފުރިހަމަ ކުރުމުން ޓެސްޓު ކުރުމުންނެވެ.

ފިއްލަދޫއިން ޕޮސިޓިވްވެފައިވަނީ އެ ރަށު ބީއެމްއެމްއޭ އެކްސްޕްރެސް ބޯޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ދެ މީހުންނާއި ދިވެއްސެކެވެ. އެމީހުންނަކީ އިހަވަންދޫ ސަވާރީ ބޯޓުން ޕޮސިޓިވްވި މީހުންނާއި ގުޅުން ހުރެގެން ކޯވިޑަށް ޓެސްޓު ކުރި ބައެކެވެ.

މީގެ އިތުރުން ޕޮސިޓިވްވެފައިވަނީ އިހަވަންދޫ ތަހުތު ބޯޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ދެ މީހުންނެވެ. އެމީހުންވެސް ކޯވިޑަށް ޓެސްޓު ކުރީ އެ ބޯޓުން ޕޮސިޓިވްވި މީހުންނާއި ގުޅުންހުރި މީހުންނަށް ވާތީ އެވެ.

އަތޮޅު ތެރޭގައި ކޯވިޑް-19 އަށް ގިނައިން ޕޮސިޓީވްވަމުން ދަނީ ހޯމް ކަރަންޓީންގައި ތިބި މީހުންނެވެ. އެހެންވެ އެޗްޕީއޭއިން ވަނީ ހޯމް ކަރަންޓީނަށް މީހުން ފޮނުވުމުމުގެ ފުރުސަތު ހަނިކޮށްފައި އެވެ.

މިހާރު ހޯމް ކަރަންޓީނަށް މާލެއިން ރަށްރަށަށް ދެވޭނީ ބޭސް ފަރުވާއަށް މާލެ އައިސް އެނބުރި ރަށަށް ދާން ބޭނުންވާ މީހުންނާއި އެނޫންވެސް ޒަރޫރީ ހާލަތެއް މެދުވެރިވެގެން ރަށަށް ދާން ޖެހޭ މީހުންނަށެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް 4،680 މީހަކު ޕޮސިޓިވްވެފައިވާއިރު 2،725 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އަދި 19 މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް