ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެޑްމިޓް ކުރާ މީހުން ކޯވިޑް-19 އަށް ޓެސްޓު ކުރަން ނިންމައިފި އެވެ.
މިގޮތަށް ނިންމާފައިވަނީ ކޯވިޑަށް އެ ހޮސްޕިޓަލުގެ މުވައްޒަފަކު ޕޮސިޓީވްވެފައިވަނިކޮށެވެ.
އެ ހޮސްޕިޓަލުން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އެޑްމިޓް ކުރާ ހުރިހާ މީހުން ޕީސީއާރު ޓެސްޓު ހެދުމުގެ އިތުރުން ހޮސްޕިޓަލުގެ މުވައްޒަފުންގެ މެދުގައި ބަލި ފެތުރޭތޯ ބަލާނެ ކަމަށެވެ. އެގޮތުން މުވައްޒަފުންގެ ތެރެއިން އަބަދުވެސް ރެންޑަމް ސާމްޕަލް ނަގައި ޓެސްޓު ކުރަމުންދާނެ ކަމަށް ބުނެ އެވެ.
ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދާ ފަރާތްތަކުގެ ތެރެއިން ކޯވިޑް-19 ގެ އަލާމާތްތައް ހުންނަ ފަރާތްތަކުން ލަސް ނުކޮށް ފްލޫ ކްލިނިކަށް ގެންދާނެ އެވެ. ހޮސްޕިޓަލަށް ވަދެވޭނީ ފުރިހަމަ ސްކްރީނިންއެއް ހެދުމަށް ފަހު އެވެ.
ރައްކާތެރިކަމަށް އެ ހޮސްޕިޓަލުގައި އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދާ ހުރިހާ އެންމެންނަށް ސާޖިކަލް މާސްކު ފޯރުކޮށްދޭނެ އެވެ.14 އަހަރުން ދަށުގެ ކުދިންނަށް ބަލި މީހުންނަށް ގޮވާލަން ދިއުމަކީ މަނާ ކަމެކެވެ.
އެ ހޮސްޕިޓަލުގެ ކްރިޓިކަލް ކެއާ ޔުނިޓް، އިންޓެންސިވް ކެއާ ޔުނިޓު، ހައި ޑިޕެންޑެންސީ ޔުނިޓު، ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް އަދި ޑޭ ކެއާ ޔުނިޓަށް ޒިޔާރަތް ކުރުން ވަނީ މަނާ ކޮށްފަ އެވެ. އެ ތަންތާނަގައި އެޑްމިޓް ކޮށްފައިވާ ބަލިމީހާގެ އެހީތެރިޔާގެ އެހީ ބޭނުން ވަންދެން ވެއިޓިން އޭރިއާގައި މަޑު ކުރަން ވެސް ހަމަޖައްސާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް