ފިނޭންސް މިނިސްޓްރީގެ އާ އިމާރާތުގެ މައްސަލައިގާ މެލޭޝިޔާ ކުންފުންޏަށް 22 މިލިޔަން ޑޮލަރު ދޭން އެޗްޑީސީއަށް ޖެހިއްޖެ

ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރި މެލޭޝިޔާ ކުންފުންޏަށް 22.8 މިލިޔަން ޑޮލަރު ދޭން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަ...

07 Jul 2020 | 02:06

ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް ހެދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރި މެލޭޝިޔާ ކުންފުންޏަށް 22.8 މިލިޔަން ޑޮލަރު ދޭން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ޖެހިއްޖެއެވެ.

މިގޮތަށް ނިންމާފައިމިވަނީ އޭސިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުންނެވެ. އެ ސެންޓަރަށް، މެލޭޝިޔާގެ ޑަބްލިއު ޒެޑް އާރުން މި މައްސަލަ ވައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ ކުންފުނިން މި މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅީ 30 މިލިޔަން ޑޮލަރު ހޯދުމަށެވެ.

އާބިޓްރޭޝަންގައި އެ ކުންފުނިން ބުނެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަން ހަވާލުކުރި އެ އޮފީސް ކޮމްޕްލެކްސް ނާޅަން ސަރުކާރުން ނިންމި އިރު އެ ޕްރޮޖެކްޓްގެ 20 ޕަސެންޓް މަސައްކަތާއި ޕައިލިންގ ގެ 60 ޕަސެންޓް މަސައްކަތް އެ ކުންފުނިން އޮތީ ނިންމާފައި ކަމަށެވެ.

2016 ވަނަ އަހަރު އެ ކުންފުންޏާއި ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 123 މިލިޔަން ޑޮލަރެވެ.

މި މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމުން ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރެވޭތޯ އެޗްޑީސީން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން މިވަނީ ނާކާމިޔާބުވެ 22.8 މިލިޔަން ޑޮލަރު ދޭން ޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް