ހުޅުމާލޭގައި ހެދި ކޯވިޑަށް ހާއްސަ މެޑިކަލް ފެސިލިޓީގައި ހިދުމަތް ދޭން ފަށައިފި

ކޯވިޑަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ސަރުކާރުން ތަރައްގީ ކުރި "ހުޅުމާލޭ މެޑިކަލް ފެސިލިޓީ" ގައި ހިދުމަތް ދޭން ފަށައިފި އެވެ. އެ ފެސިލިޓިގެ ހިންގުން ހަވާލުކޮށްފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖ...

07 Jun 2020 | 18:15

ކޯވިޑަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ސަރުކާރުން ތަރައްގީ ކުރި "ހުޅުމާލޭ މެޑިކަލް ފެސިލިޓީ" ގައި ހިދުމަތް ދޭން ފަށައިފި އެވެ.

އެ ފެސިލިޓިގެ ހިންގުން ހަވާލުކޮށްފައިވަނީ ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި އެވެ.

އައިޖީއެމްއެޗުން މިރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެ ފެސިލިޓިއަށް މިއަދު ފުރަތަމަ ފަހަރަށް ބަލި މީހަކު ގެންގޮސްފައިވާ ކަމަށެވެ. އެމީހާ ގެންދިޔައީ ހަވީރު5:35 ގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ކަމަށް ބުނެފައިވެ އެވެ.

މި ފެސިލިޓީ ހަދާފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލާއި ޖެހިގެން އޮންނަ ހުސް ބިމުގައި އެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހަމަޖައްސާފަިއވަނީ ބައްޔަށް ޕޮސިޓިވްވާ މީހުންގެ ތެރެއިން ހާލު ސީރިއަސް ނޫން މީހުންނަށް ފަރުވާ ދޭނީ އެ ތަނުގައި އެވެ.

މާ ބޮޑަށް ހާލު ސީރިއަސްވާ މީހުންނަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ޓްރީ ޓޮޕް ހޮސްޕިޓަލްގައި އެވެ.

https://twitter.com/igmhmv/status/1269617341081415680

އެ ފެސިލިޓީ ހަދާފައިވަނީ 300 މީހުންނަށް އެއް ފަހަރާ ފަރުވާދެވޭ ގޮތަށެވެ.

ފެސިލިޓީ ހެދުމަށް 40 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެގޮތުން ތިން އިމާރާތް ހިމެނޭ އެ ފެސިލިޓީ ހަދާފައިވަނީ 12 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ. އަދި އެތަނަށް ބޭނުންވާ ސިއްހީ ފަރުވާދޭ ސާމާނު ހޯދަން 28 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 1،903 މީހެކެވެ. އޭގެ ތެރެއިން 827 މީހަކު ރަނގަޅުވެފައިވާއިރު އަށް މީހަކު ބަލީގައި މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް