ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރު ކުރި ދިވެހި މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ މެއި މަހުގެ އިންކަމް ސަޕޯޓު އެލަވަންސް އަށް އެދުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ އޭޕްރިލް، މެއި އަދި ޖޫމް މަހަށެވެ. އެލަވަންސްއަށް އެދޭ ފަރާތްތަކުން އެކަމަށް އެދެން ޖެހެނީ ކޮންމެ މަހަކަށް ވަކިންނެވެ.
މިރޭ އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ އިއުލާނެތްގައި ބުނެފައިވަނީ މެއި މަހުގެ އެލަވަންސް އަށް އެދުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. އެކަމަކު ގިނަ ބަޔަކު އެދެމުންދާތީ އެ މުއްދަތު ވަކި ދުވަހެއް ނެތް ގޮތަށް އިތުރުކޮށްފައިވާ ކަމަށެވެ.
ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޖޮބް ސެންޓަރުގައި އޮންލައިންކޮށް ފޯމް ފުރެ އެވެ. އަދި އޮންލައިންކޮށް އެ މަސައްކަތް ކުރެވެން ނެތް ފަރާތްތަކުން ފޯމު ފުރުމަށް ފަހު ޖޮބް ސެންޓަރަށް އީމެއިލް ކުރުމަށް އެދިފައިވެ އެވެ. ޖޮބް ސެންޓަރުގެ އީމެއިލް އެޑްރެހަކީ [email protected] އެވެ.
މިއެލަވްންސް ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން ކަމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އެކަމަކު އަދިވެސް އޭޕްރިލް މަހުގެ އެލަވަންސްއަށް އެދުނު ގިނަ މީހުންނަކަށް އެލަވަންސް އެއް ނުލިބެ އެވެ،
މި ހިނގާ ޖޫމް މަހުގެ އެލަވަންސްއަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހެނީ ޖުލައި މަހުގެ ހަތް ވަނަ ދުވަހުގެ ކުރިންނެވެ. އެލަވަންސްގެ ގޮތުގައި ދޭން ހަމަޖެހިފައިވަނީ 5،000 ރުފިޔާ އެވެ.
މި އެލަވަންސް ލިބޭނީ ކޯވިޑްގެ ހާލަތާއި ގުޅިގެން ވަޒީފާއިން ވަކި ކުރި މީހުން، ސަސްޕެންޑު ކުރި މީހުން، ނޯ ޕޭއަށް ފޮނުވާލި މީހުން އަދި މުސާރައިން ބައެއް އުނިކުރި މީހުންނާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންނާއި މުސާރައިން ބައެއް އުނި ކުރި މީހުންގެ ތެރެއިން އެލަވަންސް ނިދުމަށް ހަމަޖެހިފައިވަނީ 5،000 ރުފިޔާގެ އާމްދަނީ ނުލިބޭ މީހުންނަށާއި އެއަށްވުރެ ދަށުން ލިބޭނެ ނަމަ 5،000 ރުފިޔާއަށް މަދުވާ ބައި ހަމަކޮށްދީގެންނެވެ.
ކޯވިޑާއި ގުޅިގެން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާ ކުރަމުންދިޔަ މުވައްޒަފުންގެ އާމްދަނީ އަށެވެ. އިކޮނޮމިކް މިނިސްޓްރީން ހެދި ދިރާސާއެއްގައި ބުނެފައިވަނީ ޖުލައިގެ ނިޔަލަށް ޓޫރިޒަމް ދާއިރާގެ 22،000 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށެވެ.
ސަރުކާރުން ތައްޔާރުވަމުން ދަނީ ކޯވިޑްގެ ހާލަތު މިހާރު މިއޮތްވަރަށް ކޮންޓްރޯލް ކުރެވިފައި އޮވެއްޖެ ނަމަ އަންނަ މަހު ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވާލާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް