ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން60 އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އިއްޔެ އެކަނި 64 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. އެއާއި އެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 827 އަށް އިތުރުވެފައި އެވެ.
މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 1،066 މީހުންނަށެވެ.
ބަލިން ރަނގަޅުވާ ކަމަށް މިހާތަނަށް ނިންމަމުން އައީ 14 ދުވަސް ހަމަވެ އަލާމާތްތައް ފިލުމުން ދެ ފަހަރު ކޯވިޑަށް ޓެސްޓު ކޮށް ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ އެވެ. އެކަމަކު އިއްޔެ އިން ފެށިގެން އެ އުސޫލަށް ވަނީ ބަދަލު ގެނެސްފައި އެވެ.
މިހާރު އެޗްޕީއޭއިން ނިންމާފައިވަނީ ބަލި ޖެހޭ މީހުންގެ ތެރެއިން އާންމު ހާލަތުގައި ތިބޭ މީހުންގެ ގައިން ވައިރަސް ފިލައިގެން ދިއުމުން އިތުރު ޓެސްޓަކައި ނުލައި ދޫކޮށްލާށެވެ. އެކަމަކު ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އުމުރުން ދުވަސްވީ މީހުން ކުރިންވެސް އަމަލު ކުރަމުން އައި ގޮތަށް ދެ ފަހަރު ޓެސްޓު ކުރާނެ އެވެ.
މިހާތަނަށް ރާއްޖެއިން ގިނައިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ ޒުވާން އުމުރުގެ މީހުންނެވެ. އެޗްޕީއޭއިން ބުނީ ރާއްޖޭގައި ގިނައިން ޕޮސިޓިވްވަމުންދަނީ ޒުވާން އުމުރުފުރާގެ މީހުންނަށް ވާތީ ބަލި ޖެހޭ މީހުންގެ ހާލަތު ރަނގަޅު ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް 1،903 މީހަކު ވަނީ ޕޮސިޓިވްވެފައި އެވެ. އޭގެ ތެރެއިން މަރުވެފައިވަނީ އަށް މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް