ޖަޕާނުން ރާއްޖެއަށް އަނެއްކާވެސް އެހީދީފި އެވެ.
މިފަހަރު ޖަޕާނު ސަރުކާރުން ދީފައިވަނީ 86.4 މިލިއަން ރުފިޔާ އެވެ.
މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުން ދިން އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނު ސަރުކާރު ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިއަދު ދިން އެހީގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާ ހޮސްޕިޓަލްތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް 10 ބެޑްސައިޑް އެކްސްރޭ މެޝިން، 65 ބެޑްސައިޑް މޮނީޓަރު ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމް، 200 އޮޓޮމޭޓެޑް އެކްސްޓާނަލް ޑިފިބްރިލޭޓަރު އަދި 160 ސިރިން ޕަމްޕް ހޯދުމަށް ހަމަޖެހިފައިިވާ ކަމަށެވެ.
މިދިޔަ މަހު ޖަޕާނުން ވަނީ ޔުނިސެފް މެދުވެރިކޮށް 5.6 މިލިއަން ރުފިޔާ އަދި މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށް 2.9 މިލިއަން ރުފިޔާގެ އެހީ ރާއްޖެ އަށް ދީފަ އެވެ. ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް، ކުދި ވިޔަފާރިތަކަށް އެހީވުމަށް 21.5 މިލިއަން ރުފިޔާގެ އެހީ ވެސް ޔޫއެންޑީޕީ މެދުވެރިކޮށް، އެ ގައުމުން ވަނީ ރާއްޖެ އަށް ދީފަ އެވެ.
ޖަޕާނަކީ އަބަދުވެސް ރާއްޖެއަށް ބޮދެތި އެހީވަމުން އަންނަ ގައުމެކެވެ. ޖަޕާނާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1967 ވަނަ އަހަރުގެ ނޮވެންބަރު 14 ގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް