ތިމާވެއްޓަށް އަސަރު ކުރި ނަމަވެސް މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބޭނުންވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކަނިކުފާނު މިހެން ވިދާޅުވީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ނައީމާއި ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި އެވެ. މި ބައްދަލުވުން އޮތީ މަޖިލީހުގެ އިދާރާގައި އެވެ.
ނަޝީދުގެ ޓުވީޓުގައި ވިދާޅުވީ ތަރައްގީގެ ގިނަ މަސައްކަތްތަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރު ކުރާ ކަމަށެވެ.
ނަޝީދު ވިދާޅުވީ މާލެ ސަރަހައްދަށް އިތުރު ހިކި ފަސް ބޭނުންވަނީ މާލޭގައި ދިރިއުޅެވޭނެ އެހެން ގޮތެއް ނެތް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކަމަށެވެ. އަދި މި ސަރަހައްދުގެ ތޮއްޖެހުން ހުއްޓުވުންވެސް މާލެ ސަރަހައްދުގެ ރަށްތައް ހިއްކުމަކީ މިހާރު މުހިންމު ކަމެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ މިކަންކަމަށް ނައީމް އަކީ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށެވެ. ނައީމް އީޕީއޭގައި މަސައްކަރް ކުރައްވާތާ މިހާރު 10 އަހަރަށްވުރެ ގިނަ ދުވަސްވެ އެވެ.
https://twitter.com/MohamedNasheed/status/1269532092641144832
ނަޝީދު ތިމާވެއްޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި މިވަނީ ގުޅީފަޅު ހިއްކުމުގެ މަޝްރޫއު ފެށުމުން ވިލިމާލޭ ފަރަށް ގެއްލުން ވަމުންދާ ކަމަށް ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ މަސައްކަތް ކުރާ މީހުން ބުނަމުންދަނިކޮށެވެ.
މިކަމާއި ގުޅިގެން މަޖިލީހުގެ ކްލައިމެޓް ކޮމިޓީގައި ވާހަކަ ދައްކަވަމުން ނައީމް ވިދާޅުވީ ގުޅީފަޅު ޕްރޮޖެކްޓުން މިހާތަނަށް ތިމާވެއްޓަށް ގެއްލުންވެފައި ނުވާ ކަމަށެވެ. ތިމާވެއްޓަށް ގެއްލުންވާކަން އެނގޭ ހިސާބުން އެކަން އަންގައި މަސައްކަތް ހުއްޓުވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވާކަން ކަނޑައަޅާނީ މީހަކު އަނގަބަހުން ބުނާ ބަހަކަށް ނޫން ކަމަށެވެ. ތިމާވެއްޓަށް ގެއްލުންވާކަން ކަނޑައަޅާނީ ދިރާސާ ކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
ގުޅީފަޅު ހިއްކަމުން ދަނީ މާލޭ ވިޔަފާރި ބަނދަރު އެ ރަށަށް ބަދަލު ކުރުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް