ލޮކްޑައުނާއި ހިލާފުވެގެން މިހާތަނަށް ވިލިމާލެއިން ހައްޔަރު ކުރީ ތިން މީހުން!

މާލޭ ސިޓީގެ ލޮކްޑައުން ގަވައިދުުތަކާއި ހިލާފުވެގެން ވިލިމާލެއިން މިހާތަނަށް ހައްޔަރު ކުރަން ޖެހުނީ އެންމެ ތިން މީހުން ކަމަށް ފުލުހުން ބުނެފި އެވެ. މާލެ ލޮކްޑައުންގައި އޮންނަތާ ދެ މަހާއި ގާތްވެފައިވާއި...

07 Jun 2020 | 07:43

މާލޭ ސިޓީގެ ލޮކްޑައުން ގަވައިދުުތަކާއި ހިލާފުވެގެން ވިލިމާލެއިން މިހާތަނަށް ހައްޔަރު ކުރަން ޖެހުނީ އެންމެ ތިން މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

މާލެ ލޮކްޑައުންގައި އޮންނަތާ ދެ މަހާއި ގާތްވެފައިވާއިރު ލޮކްޑައުންއަށް މިހާރު ވަނީ ލުއިތަކެއް ދީފައި އެވެ. އެކަމަކު އަދިވެސް ފުލުހުންގެ ހުއްދަ ނުލައި މަގުމައްޗަށް ނުކުތުމަކީ މަނާ ކަމެކެވެ.

ފުލުހުން މިއަދު އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މިހާތަނަށް ވިލިމާލެއިން ހައްޔަރު ކޮށްފައިވަނީ އެންމެ ތިން މީހުންނެވެ. މި ފަހުން މީހަކު ހައްޔަރު ނުކުރާތާ ދެ ހަފްތާވަރު ވެދާނެ އެވެ. ހައްޔަރު ކުރަނީ ގަވައިދާ ހިލާފަށް ބޭރަށް ނުކުތުމުން ނަސޭހަތްދީ، ޖޫރިމަނާކުރުމުންވެސް މަގުމައްޗަށް ނުކުންނަ ނަމައެވެ.

ފުލުހުން އާންމު ކުރި މައުލޫމާތު ތަކުގައި ވާގޮތުން އިއްޔެ ވިލިމާލެއިން ހަ މީހަކު ޖޫރިމަނާ ކޮށްފައިވެ އެވެ. އަދި ޖުމްލަ ޖޫރިމަނާކޮށްފައިވަނީ 119 މީހުންނެވެ.

މާލެއިން ޖޫރިމަނާ ކުރި މީހުންގެ އަދަދަށް ބަލާއިރު އިއްޔެ އެކަނިވެސް 244 މީހަކު ޖޫރިމާނާކޮށްފައިވާއިރު މިހާތަނަށް 7،055 މީހަކު ޖޫރިމަނާ ކޮށްފައިވެ އެވެ. ހުޅުމާލެއިން އިއްޔެ 12 މީހަކު ޖޫރިމަނާ ކުރި އިރު ޖުމްލަ 763 މީހަކު ޖޫރިމަނާކޮށްފައިވެ އެވެ.

މާލެއިން އިއްޔެ 11 މީހަކު ހައްޔަރުކޮށްފައިވާއިރު ޖުމްލަ 405 މީހަކު ހައްޔަރުކޮށްފައިވެ އެވެ. ހުޅުމާލެއިން އިއްޔެގެ ނިޔަލަށް 40 މީހަކު ހައްޔަރުކޮށްފައިވެ އެވެ.

ލޮކްޑައުނާއި ގުޅިގެން މިހާތަނަށް 448 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން މިހާރު މިހާރު ފުލުހުންގެ ބަންދުގައި ތިބީ އެންމެ 123 މީހެކެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގުކޮށް ނިންމައި ޕީޖީ އޮފީހަށް ދައުވާ ކުރުމަށް ފޮނުވުމަށްފަހު ދޫކޮށްލަނީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް