ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މަސައްކަތް ކުރައްވާތަން އާންމުންނަށް ފެންނާނެ ގޮތް ހެދުމަށް ބައްދަލުވުންތަކުގެ ފޮޓޯ އާންމު ކުރަން ފައްޓަވައިފި އެވެ.
އެ މިނިސްޓްރީން މީގެ ކުރިން ބާއްވާ ބައްދަލުވުންތަކާއި މިނިސްޓަރު ވަޑައިގެންނަވާ ތަންތަނާއި މައުލޫމާތުތައް ރަސްމީ ޓުވިޓާ އެކައުންޓާއި ވެބްސައިޓުގައި އާންމު ކުރެ އެވެ. އެކަމަކު ކޯވިޑް-19 ގެ ހާލަތު އައިސް ލޮކްޑައުންއަށް ދިޔަ ފަހުން ޓްރާންސްޕޯޓު މިނިސްޓްރީގެ މަސައްކަތްތައް ނުފެންނަ ކަމަށް ބުނެ އާންމުންނާއި މަޖިލީސް މެންބަރުން ވަނީ ޝަކުވާ ކުރައްވާފައި އެވެ.
އެކަމާ ގުޅިގެން މިނިސްޓަރު މިދިޔަ ހަފްތާގައި މަޖިލީހުގެ ތަރައްގީ އާއި ތަރިކަ ކޮމިޓީގައި ވިދާޅުވެފައިވަނީ އެކަމަނާ މަސައްކަތް ކުރާ ތަން ނުފެންނަނީ ބައްދަލުވުންތަކުގެ ފޮޓޯ އާންމު ނުކުރައްވާތީ ކަމަށް ވެދާނެ ކަމަށެވެ. އެކަން ދެން ކުރައްވާނެ ކަމަށެވެ.
އެރޭ ވިދާޅުވި ގޮތަށް ރޭ ޓެކްސީ އާއި ޕިކަޕު ސެންޓަރުތަކުގެ ވެރިންނާއި އެކު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގެ ފޮޓޯ މިނިސްޓްރީން ވަނީ އާންމުކޮށްފައި އެވެ.
https://twitter.com/MoTCAmv/status/1269323882047168512
އެ މިނިސްޓްރީގެ ޓުވިޓާގައި ބުނެފައިވަނީ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ މި ދުވަސްވަރު ޓެކްސީތަކާއި ޕިކަޕުތަކަށް ދިމާވަމުންދާ މައްސަލަތަކާއި ގުޅޭގޮތުން ކަމަށެވެ. އަދި އެކަންކަން ހައްލު ކުރަން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކަމަށެވެ.
މިނިސްޓަރު ނަހުލާ ޓެކްސީ ތަކާއި ޕިކަޕު ސެންޓަރުތަކުގެ ވެރިންނާއި ބައްދަލު ކުރައްވާފައި މިވަނީ ޓެކްސީ ޑްރައިވަރުންނަށް މި ދަނޑިވަޅު ދިމާވެފައިވާ ދަތިތަކަކަށް ހައްލު ހޯދައިދޭން ޓްރާންސްޕޯޓު މިނިސްޓްރީން މަސައްކަތް ނުކުރާ ކަމަށް ބުނެ މާލޭގެ ޓެކްސީ ސެންޓަރުތަކުން ގުޅިގެން ރޭ ބަޔާނެއް ނެރެފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް