ކޯވިޑް ޖެހޭ މީހުން ބަލިން ރަނގަޅުވުމުން ދޫކޮށްލާއިރު އިތުރު ޓެސްޓެއް ނުކުރުން ނިންމައިފި އެވެ.
ކޯވިޑް ޖެހޭ މީހުން އަލާމާތްތައް ފިލުމުން ދެ ފަހަރު ޓެސްޓު ކުރެ އެވެ. ބަލިން ރަނގަޅުވި ކަމަށް ބަލަނީ ދެ ޓެސްޓު ނަތީޖާ ނެގެޓިވް ވެއްޖެ ނަމައެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 އާއި ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) ގެ މެންބަރު ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ އެގޮތަށް ނިންމީ ޑަބްލިއުއެޗްއޯގެ އެންމެ ފަހުގެ ދިރާސާ އާއި ގުޅިގެން ކަމަށެވެ. އެ ދިރާސާގައި ބުނެފައިވަނީ ބަލި ޖެހޭތާ 10 ދުވަސް ފަހުން، ކޯވިޑް-19 ގައިންގަޔަށް ނާރާނެ ކަމަށެވެ.
އެކަމަކު ބަލިން ރަނގަޅުވިޔަސް ޓެސްޓުގެ ނަތީޖާ 3-4 ހަފުތާ ފަހުން ވެސް ޕޮޒިޓިވް ކަމަށް ދައްކާ ކަމަށެވެ. އެހެންވެ ބަލިން ރަނގަޅުވުމުން އަލުން ޓެސްޓު ކުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތަށް އިތުރު ޓެސްޓަކައި ނުލައި ދޫކޮށްލާނީ ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ ތެރެއިން ހާލު ގޯސް ނުވާ މީހުންނެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކުރާ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން މިހާރުވެސް ޓެސްޓު ކުރަމުންދާ އުސޫލުން 21 ދުވަސް ފަހުން ޓެސްޓު ކުރާނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.
މީގެ އިތުރުން ޓެސްޓު ކުރުމުގެ އުސޫލަށް ގެނައި ބަދަލާއި އެކު ވައިރަސް ޖެހި ބޮޑަށް ބަލިވާ މީހުންނާއި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުން ދޫކޮށްލާނީ 21 ދުވަސް ފަހުން، ބަލިން ރަނގަޅުވާތާ ތިން ދުވަސް ހަމަވުމުންނެވެ. މިގޮތަށް ނިންމީ އާދައިގެ ރޯގާ ޖެހޭ މީހުން ނުވަތަ ބޮޑަށް ބަލިވާ މީހުންގެ ހަށިގަނޑުން އަނެއް މީހާގެ ހަށިގަނޑަށް ވައިރަސް ދިއުމުގެ ފުރުސަތު އޮތްކަމަށް ދިރާސާތަކުން ހާމަވާތީ ކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19 އަށް 1،901 މީހަކު ޕޮސިޓިވްވެފައިވާއިރު 736 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މި ބަލީގައި މަރުވެފައިވަނީ އަށް މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް