ޓެކްސީގެ ހިދުމަތް ދޭ މީހުންނާއި ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ހަގީގަތާ ހިލާފު ވާހަކަ ދައްކާފައިވާ ކަމަށް މާލޭގައި ޓެކްސީގެ ހިދުމަތްދޭ ސެންޓަރުތަކުން ބުނެފި އެވެ.
ސެންޓަރުތައް ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ތަރައްގީ އާއި ތަރިކަ ކޮމިޓީގައި ޓެކްސީ ހިދުމަތްދޭ ފަރާތްތަކުން ޓްރާންސްޕޯޓު މިނިސްޓްރީގެ ވެރިން ދޮގު މައުލޫމާތު ދީފައިވާތީ ހިތާމަ ކުރާ ކަމަށެވެ. އެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުންނާއި ގުޅޭގޮތުން ވާހަކަ ދެއްކެވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަލީ ޒުބައިރެވެ.
ސެންޓަރުތައް ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިހާތަނަށް އެއްވެސް ސެންޓަރަކަށް އަދި ޑްރައިވަރަކަށް ރައްކާތެރިކަމަށް ބޭނުންވާ އެއްވެސް އެއްޗެއް ސަރުކާރުން ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އެ ބައްދަލުވުމުގައު ޒުބައިރު ވިދާޅުވީ ޑްރައިވަރުންގެ ސަލާމަތަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދީފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މާލޭގެ ލޮކްޑައުންގެ ކުރިން މިނިސްޓްރީން އެދިގެން ޑްރައިވަރުންނާއި މިނިސްޓްރީގެ އިސްވެރިންނާއި އެކު ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރީ ކަރަންޓީން ނިންމާފައި އަންނަ މީހުންނަށް ހިދުމަތް ދޭން ގިނަ ޓެކްސީތައް ނެރުމާ ބެހޭ ގޮތުން ކަމަށެވެ. އަދި އެ ބައްދަލުވުމުގައި، ރިލީފް ލޯނު ބޭނުންވެގެން ވާހަކަ ދައްކާފައި ވާނެ ކަމަށާއި ފޭސް މާސްކާއި އަންގި އަދި ސެނިޓައިޒާ ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
https://twitter.com/Twumaldives/status/1269286720639508480
ޓެކްސީ ސެންޓަރުތަކުގެ ބަޔާނުގައި ބުނެފައިވަނީ ޓެކްސީތަކުން އެދިގެން މިފަހުންވެސް ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށެވެ. މި ބައްދަލުވުންތަކުގައި ރިލީފް ޕެކޭޖަށް އެދުމުގައި ހުރި ދަތިތަކާއި އެ ޕެކޭޖަށް ޝަރުތު ހަމަނުވާކަން ޑްރައިވަރުން މިނިސްޓްރީ އާއި ހިއްސާ ކުރި އެވެ. ޓެކްސީތައް ޑިސްއިންފެކްޓު ކުރާނެ ސާމާނު ހޯދައިދިނުމަށް ވެސް ޑްރައިވަރުން އެދުނެވެ. ނަމަވެސް ޑްރައިވަރުންގެ މި އެދުންތަކަށް މިނިސްޓްރީން އިޖާބަ ނުދިން ކަމަށް ވަނީ ބުނެފަ އެވެ.
ޓެކްސީ ޑްރައިވަރުންގެ ގިނަ ޝަކުވަތަކާއި ހިތްހަމަ ނުޖެހުން ހުރި އިރު އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޓެކްސީތަކުގައި ޕާޓީޝަން ޖަައިގެން ދުއްވަން އަންގާފައި އެވެ. އެއާ އެކު ޓެކްސީ ޑްރައިވަރުން މިހާރު ދަނީ އެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް