ހަރަދު ކުޑަކުރަން ދައުލަތުގެ މުވައްޒަފުންގެ މުސާރައަށް ބޮޑު ބަދަލެއް

ކޯވިޑް-19 އާއި ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މުވައްޒަފުންގެ މުސާރަ އަނެއްކާވެސް ކުޑަ ކުރަން ނިންމައިފި އެވެ. ކޯވިޑާއި ގުޅިގެން ހަރަދު ކުޑަކުރުމަށް ކުރިން ސަރުކާރ...

07 May 2020 | 10:40

ކޯވިޑް-19 އާއި ގުޅިގެން ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން މުވައްޒަފުންގެ މުސާރަ އަނެއްކާވެސް ކުޑަ ކުރަން ނިންމައިފި އެވެ.

ކޯވިޑާއި ގުޅިގެން ހަރަދު ކުޑަކުރުމަށް ކުރިން ސަރުކާރުން ނިންމީ ޑެޕިއުޓީ މިނިސްޓަރުންގެ މަގާމުން މަތީގެ ސިޔާސީ މަގާމުތަކުގެ މުސާރަ20 ޕަސެންޓު ކުޑަ ކުރުމަށެވެ. އަދި މަޖިލީހާއި ފަނޑިޔާރުންގެ މުސާރައިން20 ޕަސެންޓު ކުޑަކުރާށެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އިތުރަށް ހަރަދު ކުޑަކުރުމަށް20،000 ރުފިޔާއަށް ވުރެ މުސާރަ ބޮޑު ހުރިހާ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ. މީގައި20،000 ރުފިޔާއަށް ވުރެ ދަށުން މުސާރަ ލިބޭ އެއްވެސް މުވައްޒަފެއްގެ މުސާރައަށް ބަދަލު ނާންނާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ އަލަށް ގެނައި ބަދަލާއި އެކު 20،000-25،000 ރުފިޔާ އާއި ދެމެދު މުސާރައިން 25 ޕަސެންޓް، 25،000-60،000 ރުފިޔާ އާއި ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް ކަނޑާލާނެ އެވެ. އަދި 60،000 ރުފިޔާ އިން މަތީގެ މުސާރަތަކުން 35 ޕަސެންޓް ކަނޑާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރު ކުންފުނިތަކުގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރުންނާއި މެނޭޖިން ޑިރެކްޓަރުންގެ މުސާރަވެސް މީގެ ކުރިން ކުޑަކޮށްފައިވާނެ ކަމަށެވެ. އެގޮތުން އެ ފަރާތްތަކުގެ އަސާސީ މުސާރައިން 22 ޕަސެންޓު އުނިކޮށް، ބޯޑު އެލަވެެންސްގެ ގޮތުގައި ލިބޭ 11،500 ރުފިޔާ ކަނޑާލާފައިވާ ކަމަށެވެ.

މިއާއެކު ކުންފުނިތަކުގެ އެމްޑީން އަދި ޑީއެމްޑީ އިންނަށް ލިބޭ މުސާރައިން 32 ޕަސެންޓު ކުޑަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މުސާރައަށް މި ގެންނަ ބަދަލާއެކު ދައުލަތުގެ މާލިއްޔާއިން މަހެއްގެ މައްޗަށް 15 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

އަމީރު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ ޕޮލިސީ އަކީ ހުރިހާ މުވައްޒަފުންގެ އެއްބާރުލުން ލިބެން ޖެހޭ ކަމެއް ކަމަށެވެ. މިދަނޑިވަޅުގައި ގެއްލުން ވަމުންދަނީ ސަރުކާރަށް އެކަނި ނޫން ކަމަށާއި ދައުލަތުގެ ކުންފުނިތަކަށްވެސް ބޮޑެތި ގެއްލުމާއި ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް