މާލޭ ފެން ހިންދާ ނިޒާމު ހަރުދަނާ ކުރަން ވޯލްޑު ބޭންކުން 16 މިލިއަން ޑޮލަރު ދެނީ

މާލޭގެ ފެން ހިންދާ ނިޒާމު ވަރުގަދަ ކުރަން ވޯލްޑު ބޭންކުން 16.5 މިލިއަން ޑޮލަރު (254.43 މިލިއަން ރުފިޔާ)ގެ އެހީ ދޭން ނިންމައިފި އެވެ. އެ ބޭންކުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ މި އެހީއަކ...

07 May 2020 | 09:05

މާލޭގެ ފެން ހިންދާ ނިޒާމު ވަރުގަދަ ކުރަން ވޯލްޑު ބޭންކުން 16.5 މިލިއަން ޑޮލަރު (254.43 މިލިއަން ރުފިޔާ)ގެ އެހީ ދޭން ނިންމައިފި އެވެ.

އެ ބޭންކުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ މި އެހީއަކީ ކާރިސާތަކާއި އެހެނިހެން ހާދިސާތަކުން އަރައިގަތުމުގެ ގާބިލްކަން އިތުރުކުރެވޭ ފަދަ އުމްރާނީ ތަރައްގީގެ ވަސީލަތްތައް ގާއިމްކޮށް ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުން ދޫކުރާ އެހީގެ ތެރެއިން ދޭން ނިންމާފައިވާ ފައިސާ ކަމަށެވެ.

މި ފައިސާ ދިނުމުގެ އެއްބަސްވުމުގައި އެ ބޭންކާއި ދިވެހި ސަރުކާރާއި ދެމެދު ޑިޖިޓަލްކޮށް އެއްބަސްވުމުގައި މިދިޔަ ހަފްތާގައި ވަނީ ސޮއިކޮށްފައި އެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. ވޯލްޑް ބޭންކްގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެ އާއި ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ޑރ. އައިޑާ ސްވަރާއީ-ރިޑިހޯ އެވެ.

މި އެއްބަސްވުމުގެ ދަށުން ހިލޭ އެހީގެ ގޮތުގައި ދޭން ނިންމާފައިވަނީ 8.2 މިލިއަން ޑޮލަރު އަދި ލޯނު އެހީގެ ގޮތުގައި 8.2 މިލިއަން ޑޮލަރެވެ.

"މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރިސައިލަންސް ޕްރޮޖެކްޓު" ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ދަށުން މާލޭގެ ފެން ހިންދާ ނިޒާމުގެ ފެންވަރު ރަނގަޅު ކުރާނެ އެވެ. ވާރޭވެހި، ފެން ހިންދާ ހޮޅިތައް ހަލާކުވެ ބެދިފައިވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވުމުގެ އެތައް ހާދިސާތަކަކާ ކުރިމަތިލާން ޖެހިފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް