ރާއްޖޭގައި ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްފި އެވެ.
ކޯވިޑް-19 ފެތުރެން ފެށުމުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކައިވެނި ކުރުން އޮތީ މުޅިން ހުއްޓިފަ އެވެ. އެހެންވެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭން ނިންމާ ފެމިލީ ކޯޓުން އުސޫލެއް އާންމު ކުރީ މިމަހުގެ ތިން ވަނަ ދުވަހު އެވެ.
އޭގެ ފަހުން އިއްޔެ ވަނީ ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްފައި އެވެ. މި ކައިވެނި ކުރީ ކުރިން ކައިވެނިކޮށް ވަރިކޮށްފައިވާ ދެމީހެއްގެ ކައިވެނި ރުޖޫއަ ކުރުމަށެވެ. އިއްޔެގެ ކައިވެނީގެ ރަސްމިއްޔާތު ކުރިޔަށް ދިޔަ އިރު އިންޓަނެޓު ކެނޑުމުގެ މައްސަލަ ދިމާވެ އަޑުކެނޑުން ފަދަ އެއްވެސް ޓެކްނިކަލް މައްސަލައެއް ދިމާ ނުވާ ކަމަށް ފެމިލީ ކޯޓުން މައުލޫމާތުދެ އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނީގެ މަޖިލިސް ބޭއްވުމުގެ ކުރިން، ކައިވެނިކުރާ ދެ މީހުންނާއި ވަލީވެރިޔާ އަދި ހެކިވެރިން އިގުރާރުގައި ސޮއިކުރުމަށް ފަހު ކޯޓަށް ހުށަހަޅަންޖެހެ އެވެ. މިގޮތަށް ކުރާ ކައިވެނިތައް ކައިވެނީގެ މައި ދަފްތަރުގައި ހިމަނަނީ ފަހުންނެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކުރުމާއި ބެހޭގޮތުން ކޯޓުން އެކުލަވާލާފައިވާ އުސޫލުގައި ބުނެފައިވާގޮތުން މިފަދަ ކައިވެނިތައް ކުރާނީ އެކަމަށް ހާއްސަ ޕޯޓަލްއެއް މެދުވެރިކޮށެވެ. އެފަދަ ކައިވެނިތަކުގައި ފުރިހަމަ ކުރަންޖެހޭނެ ކަންކަމާއި މަޖްލިސް ބާއްވާނެ ގޮތާއި ވަގުތު ކަނޑައަޅާނީ ކައިވެނީގެ ރަޖިސްޓްރާ އެވެ.
ކައިވެނީގެ މަޖިލީހަށް ކޮންމެހެން ހާޒިރުވާންޖެހޭ މީހުން ވީޑިއޯ މެދުވެރިކޮށް ހާޒިރުވެ ތިބިކަމާއި ހާޒިރުވާންޖެހޭ މީހުންގެ އަޑާއި މަންޒަރު ސާފުކޮށް ލިބެމުންދާކަން، ކައިވެނިކޮށްދޭ މީހާ ކަށަވަރުކުރަންޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
އެ ގޮތަށް ކައިވެނިކޮށްދިން ކަމުގައި ވިއަސް، ކައިވެނި ކޮށްދިނުމުގެ އުސޫލަށް ބަދަލު ގެނެސްފައެއް ނުވެ އެވެ. ކައިވެނީގެ ޚުތުބާ ކިޔައި، ކައިވެނީގެ އަގުދު ކޮށްދިނުމަށްފަހު “އަނބި ގަބޫލުކޮށްފީމޭ” ބުނާ އަޑު އަހައި އެކަން ކަށަވަރުކުރަން ވެސް ޖެހެ އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކުރާ މީހުންނަށް ކައިވެނީގެ ސެޓްފިކެޓްގެ ގޮތުގައި ދެނީ ނަމްބަރެއް ޖަހާފައިވާ ވަގުތީ ލިޔުމެކެވެ. އެ ލިޔުން ފޮނުވާނީ އީމެއިލް ނުވަތަ ސޯޝަލް މީޑިއާގެ ވަސީލަތެއް މެދުވެރިކޮށެވެ.
ރާއްޖޭގެ އިތުރުން ބައެއް މުސްލިމް ގައުމުތަކުގައިވެސް ދަނީ ކޯވިޑް-19 ގެ ލޮކްޑައުނަ އާއ ގުޅިގެން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކައިވެނި ކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް