ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކޮށް އާންމު ހާލަތަށް ރުޖޫއަވުމަށް "ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ" ގެ ނަމުގައި ޓާސްކްފޯސް އެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވައިފި އެވެ.
މި ޓާސްކް ފޯހުން ކުރާނެ މައިގަނޑު މަސައްކަތަކުގެ ތެރޭގައި އިގްތިސާދަށް ކުރިމަތިވެފައިވާ މަޑުޖެހުމާއެކު ވިޔަފާރިތަކަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމާ އާމްދަނީއަށް ކުރިމަތިވަމުންދާ ދަތިތައް ދެނެގަންނާނެ އެވެ. މިދަތިތަކާ ގުޅިގެން އިޖްތިމާއީ ގޮތުން ދިމާވަމުންދާ އަދި ކުރިއަށް އޮތްތަނުގައި އަތުވެދާނެ އެކި އެކި މައްސަލަތަކަށް ފާރަވެރިވެ، ހައްލުތަކެއް ހޯދުމަށްޓަކައި، ގައުމީ ފެންވަރުގައި ކުރާނެ މަސައްކަތްތައް ރާވާ، ވިލަރެސްކޮށް، ހިންގާނެ ނިޒާމެއް ގާއިމް ކުރުން ހިމެނެ އެވެ.
މި ޓާސްކް ފޯސް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ މިހާރު ދިމާވެފައިވާ ހާލަތުން، އިޤްތިސާދީ އަވަސް ރިކަވަރީ އަކަށް ވާސިލުވެ، އަދި އިގްތިސާދީ ދުވެލި އާރާސްތުކުރުމަށް ކަމާގުޅޭ ހުރިހާ ދާއިރާތަކެއްގެ ބައިވެރިވުމާ، ހިޔާލާ، މަޝްވަރާގެ މަތިން، ކުރާނެ ކަންކަން ރާވައި ހިންގުމާ އަދި މި ކަންކަމަށް ފައިސާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ. ރައީސް އޮފީހުން ބުނީ މި ޓާސްކްފޯހުގެ މި މަސައްކަތަކީ ސަރުކާރާ، ޕްރައިވެޓް ސެކްޓަރާ، ސިވިލް ސޮސައިޓީ، އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމުގައި ހެދުމެވެ.
ނެޝަނަލް ޓާކްސް ފޯސް ހިނގަމުންދާނީ ރައީސް ސޯލިހުގެ ބެއްލެވުމުގެ ދަށުންނެވެ. އަދި ޓާސްކްފޯސް ގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ތިން ސައްކަތު ގްރޫޕަކަށް ބަހާލައިގެންނެވ. އެއީ:
• ވޯކިންގް ގްރޫޕް އޮން ފައިނޭންސް
• ވޯކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ
• ވޯކިންގް ގްރޫޕް އޮން ސޯޝަލް ސެކްޓަރެވެ.
ފައިނޭންސް ވޯކިންގް ގްރޫޕްގެ މައިގަނޑު މަސައްކަތަކީ 2020 ވަނަ އަހަރުގެ ބަޖެޓު ރީޕްރައިރަޓައިޒް ކުރުމާ އަދި ކޯވިޑް-19 އާއި ގުޅިގެން ކުރަންޖެހޭ އިތުރު ހަރަދުތައް އަންދާޒާކޮށް، އާމްދަނީ އަށް އަންނާނެ ބަދަލުތައް ދެނެގަނެ، މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ބަޖެޓު ހިންގުމަށް ބޭނުންވާނެ ފައިސާގެ މިންވަރުތައް ދެނެގަތުމެވެ. އަދި ހަމަމިއާއެކު، މި ފައިސާ ހޯދުމަށް، ބައިލެޓަރަލް، މަލްޓިލެޓަރަލް އަދި މިނޫންވެސް އެހެނިހެން ޕާޓްނަރުންނާއެކު މަސައްކަތް ކުރުމެވެ. ހަމައެހެންމެ، ސަރުކާރަށް މިހާތަނަށް ނަގާފައިވާ ބޭރުގެ ދަރަނި އަދާކުރުމުގައި ލުއިގޮތްތަކެއް ހޯދުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސް ލުއި ގޮތްތަކެއް ހޯދުމެވެ. ފައިނޭންސް ވޯކިންގް ގްރޫޕްގެ މަސައްކަތް ބެހިގެންދާނީ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ މައްޗަށެވެ.
އިކޮނިމިކް ރިކަވަރީ ވޯކިންގް ގްރޫޕްގެ މައިގަނޑު މަސައްކަތަކީ އިގްތިސާދީ ގޮތުން އައިސްފައިވާ މަޑުޖެހުމާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން ފެށިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަދި އަމިއްލަގޮތުން އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާއެކު، މިފަދަ ވިޔަފާރިތަކަށް ރިލީފް ޕެކޭޖުތަކެއް ޑިޒަންކޮށް ފޯރުކޮށްދިނުމާ އަދި މެދު ރާސްތާގައި ވިޔަފާރި ފަށައިގަންނަން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ސްޓިމިއުލަސް ޕެކޭޖުތައް ތަޢާރަފްކޮށް ހިންގުމެވެ. ހަމަ މިއާއެކު، ވަޒީފާގެ މައްސަލަތައް ދިމާވެފައިވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ބެނިފިޓް ސްކީމުތައް ހިންގުމާއެކު މެދު ރާސްތާގައި ދިވެހިންނަށް ވަޒީފާގެ ބާޒާރުން އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ކުރެވިދާން ކަންކަން ނިންމާ ހިންގުމެވެ. ހަމަ މިއާއެކު، މިހާރުން މިހާރަށްވެސް، އިގްތިސާދުގެ ބިންގާ ފުޅާ ކުރުމަށް ކުރެވިދާނެ އިތުރު އިގްތިސާދީ ހަރަކާތްތައް ހޯދާ، މިކަންކަން ކުރިއަށްގެންދިއުމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމެވެ. އަދި ސިއްހީ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތިން، ހާލަތު ތަންދޭކަމުގައިވާނަމަ، ފަތުރުވެރިކަމާ އަދި އެހެނިހެން ދާއިރާތައް ހުޅުވާލުމުގައި ވިސްނަންޖެހޭނެ ކަންކަމާ، ނިންމަންޖެހޭ ނިންމުންތައް ނިންމާ އެފަދަ ހިސާބަކަށް ދިއުމަށް ހަދަން ޖެހޭ ޕްލޭންތައް ހަދާ، އެކަންކަން ތަންފީޒުކުރުމެވެ.
ސޯޝަލް ސެކްޓާ ގްރޫޕުގެ މަސައްކަތްތަކުގެ ތެރޭގައި ވަޒީފާ ގެއްލުމާ، އާމްދަނީ ލިބުން ހުއްޓުމާ ގުޅިގެން ނަފްސާނީ ދުޅަހެޔޮކަމަށް ކޮށްފާނެ އަސަރުތަކާ އަދި މަސްތުވާތަކެތީގެ ޝިކާރައަކަށް ވުމަށް ހުޅުވިދާނެ ދޮރުތަކަށް ފާރަވެރިވެ، މިކަންކަމުން އަރައިގަތުމަށް އެހީތެރިކަމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމާ އަދި ގެވެށި އަނިޔާއިން ސަލާމަތް ވުމަށާ ކުޑަ ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ސޯޝަލް ސާވިސަސް ގެ ހަރަކާތްތައް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު މިހާރަށް ވުރެ ރަނގަޅު ހާލަތަކަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތަކާ، އެފަރާތްތަކުގެ ތެރެއިން އަނބުރާ ރަށަށްދާން ބޭނުންވާ ފަރާތްތަކަށް އެކަމަށް ހައްލުތަކެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ހިމެނެއެވެ.
ރައީސް އޮފީހުން ބުނީ މި ގްރޫޕްތަކުގެ އެކި މަސައްކަތްތަކަކީ މިހާރުވެސް އެކި އެކި ގޮތްގޮތުން ކުރިއަށްދާ މަސައްކަތްތަކެކެވެ. ސަރުކާރުގެ އަމާޒަކީ މި ޓާސްކްފޯސްގެ ތެރެއިން މި މަސައްކަތްތަކުގައި ކަމާގުޅޭ އިތުރު ފަރާތްތަކުގެ ބައިވެރިވުން ހިމަނާ، ފުރިހަމަ ގޮތުގައި ވިލަރެސް ކުރެވިގެން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއްގެ ގޮތުގައި ހެދުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް