ފިލި މީހުންނަށް ފައިރޫޝް: ކަރަންޓީނަކީ ދަނޑިމާރު އަޅައިގެން ބަލަހައްޓާ ޖަލެއް ނޫން!

ކަރަންޓީން ފެސިލިޓީގައި މީހުން ބައިތިއްބަނީ ދަނޑިމާރު އަޅައިގެން ނޫންކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފައިރޫޝް ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ދެކުނުގެ އަތޮޅުތަކުން މީހުން ކަރ...

07 May 2020 | 07:04

ކަރަންޓީން ފެސިލިޓީގައި މީހުން ބައިތިއްބަނީ ދަނޑިމާރު އަޅައިގެން ނޫންކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފައިރޫޝް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ދެކުނުގެ އަތޮޅުތަކުން މީހުން ކަރަންޓީން ކުރުމަށް ހަމަޖައްސާފައިވާ ހެރެތެރެ ރިސޯޓުގެ ކަރަންޓީން ފެސިލިޓީން ފަސް މީހަކު އިއްޔެ ފިލުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ. ފުލުހުން މިހާރު ވަނީ އެ ފަސް މީހުން ހޯދައި ހައްޔަރުކޮށްފައި އެވެ.

ފައިރޫޝްގެ ޓުވީޓުގައި ވިދާޅުވީ ކަރަންޓީން ފެސިލިޓީތަކަކީ ޖަލެއް ނޫން ކަމަށެވެ. އަދި އެއީ ދަނޑިމާރު އަޅައިގެން މީހުން ބަލަހައްޓާ ތަނެއްވެސް ނޫން ކަމަށް ވިދާޅުވި އެވެ.

ފައިރޫޝް ވިދާޅުވީ ފެސިލިޓީތަކަށް ގެންދެވޭ ފަރާތްތަކާއި އަމިއްލައަށް އެތަންތަނުގައި ތިބެން އެއްބަސްވެގެން ދާ ފަރާތްތަކުގެ ޒިންމާއެއްވާ ކަމަށެވެ. އެހެން ކަމުން އެތަންތަނުގައި ތިބޭ މީހުން އެމީހެއްގެ އަމިއްލަ ފަރުދީ ޒިންމާ އަދާ ކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

މީގެ އިތުރުން ފައިރޫޝް ވިދާޅުވީ އެހެން މީހުން ނުރައްކަލުގެ ހާލަތަށް ހުށަހަޅާ ފަރާތްތަކަށް ފުލުހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

https://twitter.com/fairoosh/status/1258143559032565760

މިއީ ކަރަންޓީން ކޮށްފައި ތިބި ބަޔަކު ފިލި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ފުލުހުން ވަނީ ކަރަންޓީނަށް ދާން ދެކޮޅު ހެދި މީހުންނާއި ސާމްޕަލް ދޭން ދެކޮޅު ހެދި މީހުންނާއި ދެކޮޅަށް ކޯޓު އަމުރު ހޯދައިގެން އެމީހުން ކަރަންޓީނަށް ގެންގޮސް ސާމްޕަލް ނަގާފައި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމަކުން މީހުން ކަރަންޓީނަށް ދާން އަންގައިފި ނަމަ އެ އެންގުމަށް އަމަލު ކުރަން ޖެހެ އެވެ. އެހެން ނޫންނަމަ ފުލުހުންނަށް ގާނޫނީ ފިޔަވަޅު އެޅުމުގެ ބާރު އޮވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް