ކޯވިޑް-19 އާއި ގުޅިގެން ހަދާފައިވާ ކަރަންޓީން ފެސިލިޓީއަކުން ފިލި ފަސް މީހަކު ހޯދައި ހައްޔަރުކޮށްފި އެވެ.
އެ ފަސް މީހުން ފިލާފައިވަނީ ދެކުނުގެ އަތޮޅުތަކުން ކަރަންޓީން ކުރަން ޖެހޭ މީހުން ބޭތިއްބުމަށް ހަމަޖައްސާފައިވާ އައްޑޫ ހެރެތެރެ ރިސޯޓުންނެވެ. އެމީހުން ފިލީ އިއްޔެ ހަވީރު އެވެ.
އޭގެ ތެރެއިން ރޭ ފުރަތަމަ ފުލުހުންނަށް ހޯދުނީ ތިން މީހެކެވެ. ފަތިހު އަނެއް ދެމީހުން ހޯދިފައިވާ ކަން ފުލުހުން ހާމަކޮށްފައިވެ އެވެ.
މިއީ ކަރަންޓީން ފެސިލިޓީއަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ. ކަރަންޓީންގައި މަޑުކުރުމަށް ދެކޮޅު ހެދުމާއި ކަރަންޓީނަށް ދާން ދެކޮޅު ހެދުމަކީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އިއުލާނުކޮށްފައިވާ ސީއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނީ ކުށެކެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް މީހުން ކަރަންޓީނަށް ދާން އެންގުމުގެ ބާރު ދީފައިވާއިރު އެ އެންގުމާއި ހިލާފުވާ ފަރާތްތަކާއި ދެކޮޅަށް ގާނުނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.
މީގެ ކުރިން ކަރަންޓީނަށް ދާން ދެކޮޅު ހެދި މީހުން ހައްޔަރުކޮށްގެން ކަރަންޓީނަށް ގެންދިއުމަށް ސިވިލް ކޯޓުން އަމުރު ނެރެފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން600 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު މިހާތަނަށް މި ބަލި ޖެހިގެން އެކަކުވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް