ލޮކްޑައުންގައި ވަނިކޮށް ނުރައްކާތެރި ހާލަތަކަށް ދިއުމަކީ ނާދިރު ކަމެއް: ޑރ. އަފްޒަލް

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް މި ބަލީގައި ނުރައްކާތެރި ހާލަތަކަށް ދިއުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ. އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސ...

07 May 2020 | 02:20

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވަނިކޮށް މި ބަލީގައި ނުރައްކާތެރި ހާލަތަކަށް ދިއުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުވަހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ނުރައްކާތެރި ހާލަތަކަށް ނުވަތަ ޕީކަކަށް ދާނެ ކަމަށްް ޑޮކްޓަރުން ލަފާ ކުރައްވަނީ ބަލި ކޮންޓްރޯލް ކުރުމަށް އެޅިފައިވާ ފިޔަވަޅުތަކަށް އަމަލު ނުކުރާނަމަ ކަމަށެވެ. އެކަމަކު މިހާރު މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންއާއި އެކު އެ ހާލަތަށް ދިއުމުގެ ފުރުސަތު ވަރަށް ކުޑަވާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޮކްޑައުންގައި ޕީކަކަށް ދިޔަޔަސް ދާނީ މިހާރު ފެންނަމުންދާ ކްލަސްޓާތަކުގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ޕޮސިޓިވްވުމުން ކަމަށެވެ. އަދި މިހާރު ޕީކަކަށް ދާނެ ކަމަށް ޑޮކްޓަރުން އެ ވިދާޅުވަނީ އެގޮތަށް މާނަކޮށް ކަމަށް ވިދާޅުވި އެވެ.

އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވަނީ މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުނަށް75 ޕަސެންޓަށް ވުރެ ގިނަ މީހުން އަމަލު ކުރާ ކަމަށެވެ.

އެންމެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މިމަހުގެ ފަހުކޮޅަކީ އަދި ކުރިޔަށް އޮތް ދެ ހަފްތާއެއްހާ ދުވަހަކީ މާލެއިން ގިނަ އަދަދެއްގެ ބަޔަކު ކޯވިޑަށް ޕޮސިޓިވްވާނެ ކަމަށް ސިއްހީ މާހިރުން ލަފާ ކުރައްވާ ދުވަސްވަރެއް ކަމަށެވެ. އެހެންވެ އާންމުން އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރެއްވި އެވެ.

އާންމުންގެ މެދުގައި ކޯވިޑް ފެތުރެން ފެށުމާއި އެކު މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ އޮތީ ލޮކްޑައުން ކޮށްފައެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެ މުއްދަތު މިހާރު ވަނީ އިތުރުކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން600 އަށްވުރެ ގިނަ މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އަދި އެކަކު ވަނީ ބަލި ޖެހިގެން މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް