ނައިފަރާއި ހުރާގައި ކޯވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފި

ޅ. ނައިފަރާއި ކ. ހުރާގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މުއްދަތު އިތުރު ކޮށްފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ...

07 Apr 2021 | 18:35

ޅ. ނައިފަރާއި ކ. ހުރާގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މުއްދަތު އިތުރު ކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ އެ ދެ ރަށުގައި އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

ހުރާ އާއި ނައިފަރުގައި އިތުރު ފިޔަވަޅުތައް އެޅީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށެވެ. އެންގުމުގައި ބުނެފައިވަނީ އެ މުއްދަތު މިއަދުން ފެށިގެން އިތުރު ފަސް ދުވަހަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އެންގުމުގައި ވާގޮތުން މި މުއްދަތުގައި ޒަރޫރީ ބޭނުންނެތި އާންމު ތަންތަނާއި މަގުމައްޗަށް ނުކުތުން އޮތީ މަނާކޮށްފައި އެވެ. އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ އުޅުންވަނީ މަނާކޮށްފައި އެވެ.

އެއް ގެއިން އަނެއް ގެއަށް މީހުން ޒިޔާރަތް ކުރުން ހުއްޓާލަން އަންގާފައިވާއިރު ޕާޓީތަކާއި ހަފްލާ ތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފައިވެ އެވެ. ސްކޫލްތަކަށް ކުދިން ގެންގޮސްގެން ކިޔަވައިދިނުން ހުއްޓާލަން އެންގުމުގައި އަންގާފައިވެ އެވެ.

ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ޑެލިވަރީ ނޫން ހިދުމަތްތައް ހުއްޓާލަން އަންގާފައިވާއިރު ކުޅިވަރާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓާލަން އަންގާފައިވެ އެވެ. އަދި ސެލޫން، ޖިމް އަދި ބޯކޮށާ ތަންތަން ބަންދުކުރުން ވެސް އަންގާފައިވެ އެވެ.

އެޗްޕީއޭއިން އިއްޔެ އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި ހުރާގައި ޕޮސިޓިވް 121 މީހުން އެބަތިއްބެވެ. އަދި ނައިފަރުގައި 215 ޕޮސިޓިވް މީހުން އެބަތިއްބެވެ.

މީގެ ތެރެއިން ނައިފަރުގައި ދެ ކްލަސްޓާއެއް އެބަ އުޅެ އެވެ. އެއީ ފެލިވަރު ކޭސްތަކާއި ގުޅުން ހުރި ކްލަސްޓާ އަކާއި އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ފާހަގަވި ކްލަސްޓާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް