ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފު ކުރުމުން ހައި ކޯޓުން އެ މައްސަލަ ބާތިލު ކޮށްފި އެވެ.
ހައިކޯޓުން އެ މައްސަލަ ބާތިލް ކުރީ އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ނޭނގިގެންނެވެ. އެ ކޯޓުން ބުނީ އެޑްރެސް ނޭނގޭތީ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލް ކޮށްފައިވާ ކަމަށެވެ.
އަލީ ވަހީދު މިހާރު އުޅުއްވާ އެޑްރެސް އެނގުމުން އަލުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ޕީޖީއަށް އޮންނާނެ ކަމަށް ހައިކޯޓުން ބުންޏެވެ.
އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ހޯދަން ހައިކޯޓުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ދިން މުއްދަތުގައި އެ އެޑްރެސް ނުހޯދޭ ކަމަށް ޕީޖީއިން ހައިކޯޓަށް އެންގީ އިއްޔެގަ އެވެ. ހައިކޯޓުން އަންގާފައި އޮތީ އިއްޔެ 2:00 ގެ ކުރިން އަލީ ވަހީދު މިހާރު ދިރިއުޅުއްވާ އެޑްރެސް ހޯދުމަށްފަހު ކޯޓަށް ހުށަހަޅާށެވެ.
މިނިސްޓަރަކަށް ހުންނެވި އިރު އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ ނޮވެމްބަރު މަހު އެވެ. އަލީ ވަހީދާއި ދެކޮޅަށް މި މައްސަލައިގަ ދައުލަތުން ހަތް ދައުވާއެއް އުފުލާފައި ވަނިކޮށް ބޭސް ފަރުވާއަށް ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ.
އަލީ ވަހީދާއި ދެކޮޅަށް އުފުލާފައިވާ ދައުވަތަކުގެ ތެރޭގައި ޖިންސީ އަނިޔާ ކުރުން، ރޭޕް ކުރަން އުޅުން، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުން ހިމެނެ އެވެ. އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުނު ކަމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުން އަދި ޖިންސީ ގޯނާ ކުރަން އުޅުން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް