އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަންގެ އިސްވެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލުވުމަކީ ޕީޕީއެމް/ ޕީއެންސީން އެދިގެން ބޭއްވި ބައްދަލުވުމެކެވެ. ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން އިސްކޮށް ހުންނެވީ ޕީއެންސީގެ ރައީސް އަބްދުﷲ އަބްދުއްރަހީމް (އަދުރޭ) އެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން އަދުރޭ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނެވމުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި ކުޑަމިނުން ރޯދަ މަހަށް ޔާމީން ގެއަށް ބަދަލުކޮށްދޭން އެދިފައިވާނެ ކަމަށެވެ.
އޭގެ ޖަވާބުގައި ގާނޫނީ އިމުގެ ތެރެއިން ކޮށްދެވެން އޮތް ކަމެއް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް އަދުރޭ ވިދާޅުވި އެވެ.
އެ ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ ރައީސް ޔާމީން ފަސް އަހަރުގެ މުއްދަތަށް ޖަލަށް ލައި ފަސް ލައްކަ ޑޮލަރުން ޖޫރިމަނާ ކުރީ 2019 ނޮވެ،މްބަރު 28 ވަނަ ދުވަހު އެވެ.
އެ މައްސަލަ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ނިންމާފައިވަނީ ޔާމީނާއި ދެކޮޅަށެވެ. އެހެންވެ އިދިކޮޅުން ވަނީ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި އެވެ.
މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވެފައިވަނީ ގޭ ބަންދަށް ބަދަލު ކުރަނީ ސިއްހީ ހާލަތު އަންގައިދޭ ލިޔުމެއް ހުށަހެޅުމުން ކަމަށެވެ. އެކަމަކު އެފަދަ ލިޔުމެއް މިހާތަނަށް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް