ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުން އޮތީ ރައީސް އޮފީހުގައި އެވެ.
މި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ސަފީރުކަމުގެ ދައުރުގައި ޖަންގް ލިޖޮންގް ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމާއި ދެއްވި އެއްބާރުލެއްވުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ އިތުރުން ރާއްޖެއާ ގާތް ރަޙުމަތްތެރި ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރެއްވި އެވެ.
ޗައިނާ އިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދެއްވާފައިވާ އަދި، ވެދެއްވަމުންގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރެއްވިއެވެ. އަދި، އެކަމަށްޓަކައި ޗައިނާ ސަފީރަށާއި، ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
ކޯވިޑް-19 އާ ގުޅިގެން ދިމާވި ހާލަތުގައި ޗައިނާ އިން ރާއްޖެއަށް ދިން އެހީތެރިކަމަށް އެ ގައުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު އަދާކުރެއްވި އެވެ. ވަކިން ހާއްސަކޮށް ޗައިނާ އިން އުފެއްދި ސައިނޮފާމް ވެކްސިންގެ 200،000 ޑޯޒާއި އެހެން ސިއްހީ ސާމާނު ދިނުމުން ވެސް، ޗައިނާ ސަފީރަށް ރައީސް ޝުކުރުއަދާކުރެއްވި އެވެ.
ދެ ގައުމުން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އޭގެ ތެރޭގައި އިޖުތިމާއީ-އިގުތިސާދީ ތަރައްގީގެ މަޝްރޫއުތަކާއި ސިއްހަތު އަދި ވިޔަފާރިއާ ގުޅުން ހުރި މަޝްރޫއުތައް ހިމެނެ އެވެ.
ރާއްޖެ އަށް ޗައިނާ އިން ކަނޑައެޅި ސަފީރުގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށް ޖަންގް ލިޖޮންގް މި ބައްދަލުވުމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިޔަށް އޮތް ދުވަސްތަކުގައި ސަފީރަށް ފާގަތިކަމާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް