ހިޔާ ފްލެޓުތަކުގެ ގުރުއަތުލުން މާދަމާ ފެށޭއިރު ގުރުއަތުގައި ބައިވެރިވެވޭނީ މައްސަލަ ނެތް މީހުންނަށް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
އަސްލަމް ވިދާޅުވީ ދާއިމީ ލިސްޓުގައި ގެއެއް ނުވަތަ، ގޯއްޗެއް ނުވަތަ ފްލެޓް ފަދަ ތަންތަން ހުރި މީހުންގެ ނަން އޮތްކަން ވެސް ފާހަގަ ވެފައިވާކަމަށެވެ. އަދި އެޕްލައިކުރިއިރު ދެމަފިރިންގެ ގޮތުގައި ތިބި މީހުން ވެސް މިހާރު ވަރިވެފައިވާކަން ވެސް ފާހަގަކުރެވިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.
މާދަމާ ފްލެޓްތަކުގެ ގުރުއަތުން ފަށާއިރު، އެ ގުރުއަތުލުމުގައި ބައިވެރިވެވޭނީ މިފަދަ މައްސަލަ ނެތް ފަރާތްތަަކަށް ކަމަށް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.
އެ މައްސަލަތައް ހުރުމާއެކުގައި ފްލެޓް ކޮމިޓީީއިން ދާއިމީ ލިސްޓު ނެރުމަށްފަހުގައި އަށް ކަމެއްގެ މައްޗަށް ބެލުމަށް ވަނީ ހައުސިން މިނިސްޓަރީގައި އެދިލައްވާފައި ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
އެ އަށް ކަންތައް މިހާރު ހައުސިން މިނިސްޓަރީއިން މިހާރު ބަލަމުންދާއިރުގައި ނުކުޅެދުންތެރިކަން ހުންނާ ފަރާތްތަކުގެ ކެޓަގަރީގައި ހިމެނޭ 12 ފަރާތެއްގެ ހާލަތު އިތުރަށް އެ މިނިސްޓަރީއިން ބަލަން ޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދާއިމީ ލިސްޓުގައި ހިމެނޭ އެއްވެސް ފަރާތެއް އަދި އެ ލިސްޓުން އުނި ނުކުރާ ކަމަށާއި މީހުންގެ މައުލޫމާތު އިތުރަށް ސާފުކުރަމުން ދާއިރުގައި ސައްހަ ނޫން މައުލޫމާތެއް ފެނިއްޖެނަމަ އެމީހަކަށް ގުޅަމުން ގެންދާ ކަމަށެވެ.
ދާއިމީ ލިސްޓުން އެއްވެސް ސަބަބަކާ ނުލާ މީހަކު އުނި ނުކުރާނެ ކަން ފާހަގަކުރަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ހުރިހާ އެންމެންގެ ހުރިހާ މައްސަލައެއް ހައްލުވަންދެން ފްލެޓްތައް ހަވާލުނުކޮށް ތިބުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ދެކޭތީ ގުރުއަތުލުމުގެ މަސައްކަތް ފެށީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިހުރިހާ މަސައްކަތެއް ނިންމައި ފްލެޓުތަކަށް މީހުންނަށް ވަދެވެން އަދި ތިން މަސްވަރު ނަގާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް