މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ގުޅީފަޅުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 700 އަކަފޫޓުގެ 1،200 ގޯތި ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ގުޅީފަޅުން ދޫކުރާ 1،200 ގޯއްޗަކީ މާލޭ ރައްޔިތުންގެ ތެރެއިން ސީދާ މާލޭ ރަށްވެހިންނަށް ދޫކުރަން ނިންމާފައިވާ ގޯތިތަކެއް ކަމަށެވެ. އެ ގޯތިތައް ދިނުމުގައި އިސްކަން ދޭނީ މާލޭގައި އެމީހުންގެ ނަމުގައި ހުރި ކުދި ބިން ކޮޅު ދައުލަތަށް ދިނުމަށް ފަހު ބަދަލުވާން ބޭނުންވާ މީހުންނަށް ކަމަށެވެ.
ކުދި ބިން ކޮޅުގެ ގޮތުގައި ބަލާނީ އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ކުދިން ބިންކޮޅު ހުރި މީހުންނަށެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މާލޭގެ ދެ ސަރަހައްދެއްގައި ފެށި އިންޑިއާގެ ޓާޓާ ކުންފުނީގެ ބައެއް ބޯހިޔާވަހިކަމުގެ މަޝްރޫތައް ވެސް ހުއްޓުވާލުމާއި ގުޅިގެން އެ ކުންފުނިން އާބިޓްރޭޝަން ގޮސްފައިވާކަމަށެވެ.
މި މައްސަލައަކީ ދިގު މުއްދަތެއް ހޭދަވާ މައްސަަލައެއް ކަމަށްވާތީ އެ ކުންފުންޏާއި ވާހަކަ ދައްކައިގެން "ސެޓުލްމަންޓް" އަކަށް ދާން މަސައްކަތް ކުރާކަމަށް މިނިސްޓަރު މިއަދު ޕްރެސްކޮންފަރެންސްގައި ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް