12 ސިއްހީ މަރުކަޒެއް ހޮސްޕިޓަލަށް ބަދަލުކުރަނީ

ސިއްހީ ނިޒާމު ލާމަރުކަޒު ކުރުމުގެ ގޮތުން 12 ރަށެއްގެ ސިއްހީ މަރުކަޒު އިތުރު ހިދުމަތްތަކާ އެކު ހޮސްޕިޓަލު ފެންވަރަށް ބަދަލުކުރައްވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަ...

07 Apr 2021 | 09:29

ސިއްހީ ނިޒާމު ލާމަރުކަޒު ކުރުމުގެ ގޮތުން 12 ރަށެއްގެ ސިއްހީ މަރުކަޒު އިތުރު ހިދުމަތްތަކާ އެކު ހޮސްޕިޓަލު ފެންވަރަށް ބަދަލުކުރައްވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ ދުނިޔޭގެ ސިއްހަތުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައެވެ.

ނަސީމް ވިދާޅުވީ، މި ސަރުކާރުން އަތޮޅުތެރެއަށް އަމާޒުކޮށްގެން ހިންގާ ސިއްހީ ދާއިރާގެ މަޝްރޫއު ތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން މިނިސްޓަރު ނަސީމް ވިދާޅުވީ ސިއްހީ ދާއިރާގައި މިހާތަނަށް ދެކެފައިނުވާފަދަ އިންޤިލާބީ ކުރިއެރުންތަކެއް މިސަރުކާރުން ގެނެސްފައިވާ ކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މާލެއާ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންހުރި ޞިއްޙީ ޚިދުމަތްތަކުގެ ތަފާތުތައް ކުޑަކޮށް ޞިއްހީ ފަރުވާއަށް މާލެއައުމަށް ބަރޯސާވާންޖެހޭ މިންވަރު މަދުކުރުންކަމަށެވެ. އެގޮތުން އެންމެ އުއްމީދީ ބަދަލުތައް ގޮތުގައި ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، އަތޮޅުތެރޭގެ ސަރަހައްދީ 5 ހަސްފަތާލުގެ "އޮޕްޓިމައިޒޭޝަން" މަޝްރޫއުގެ ދަށުން، މި ހަސްފަތާލުތަކުގައި މުޅިން އަލަށް ފަށާ ހާއްސަ ފަރުވާގެ ހިދުމަތްތަކާ، ތަހުލީލުކުރުމުގެ ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމާ އިންސާނީ ވަސީލަތްތައް އިތުރުކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

އިމަރޖެންސީ ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އިތުރު 26 ރަށަކަށް އެމްބިއުލަންސް ފޯރުކޮށްދީ މުޅި ރާއްޖޭގައި އިމަރޖެންސީ އަވަސްފަރުވާ ދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރެވި މިކަމުގެ ފަންނީ ހިދުމަތްތެރިން ތަމުރީނު ކުރެވޭނެކަމަށްވެސް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އަދި 12 ރަށެއްގެ ޞިއްހީ މަރުކަޒުތައް އިތުރު ޚިދުމަތްތަކާ ވަޞީލަތްތަކާއެކު، ހަސްފަތާލުގެ ފެންވަރަށް ތަރައްޤީ ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ނަސީމް ވިދާޅުވީ ވެކްސިން ޕްރޮގްރާމް އިތުރަށް ހަރުދަނާ ކޮށް ކޮރޯނާ ވައިރަސް އާއި އަދި މިނޫންވެސް ޤައުމީ ވެކްސިން ޕަރޮގްރާމްގެ ތެރެއިންދެވޭ ވެކްސިންތައް ކަށްވަރުކުރެވިގެންދާނެ ކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކަލެއް އަދި މިފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ދާއިމީ ކަރަންޓީނު ފެސިލިޓީތައް ޤާއިމު ކުރުމާއި، މިހާރު ރާއްޖޭގެ އެކި ހިސާބުގައި ޤާއިމު ކުރެވިފައިވާ ކޮވިޑް ފެސިލިޓީތައް ކުރިމަގުގައިވެސް ބޭނުންކުރެވޭނެހެން ބައްޓަންކޮށް ދެމެހެއްޓޭނެކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް