ދައުލަތުގެ ލިޔެކިއުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލުމަށާޢި އެކިއެކި ލިޔުންތަކު ގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު އުވާލުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މެދުހެންވޭރު ދާއިރާގެ އަލީ އާޒިމް ހުށަހެޅުއްވި "އެކިއެކި ލިޔުންތަކު ގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު" އުވާލުމުގެ ބިލްގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ފަށާފައެވެ. މި ބިލް އުވާލުމަށް ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ ތާއިދުކޮށްފައެވެ.
މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ މި ބިލަކީ 1970 ވަނަ އަހަރު ފާސްކޮށް އަމަލު ކުރަމުން އަންނަ ޤާނޫނެއް ކަމަށެވެ. އަދި މިއީ މިއަދު އަމަލު ކުރަން ޖެހޭ ފަދަ ގާނޫނެއް ނޫން ކަމަށެވެ.
އާޒިމް ވިދާޅުވީ މި ޤާނޫނުގެ އެންމެ ބޮޑު ބޭނުމަކީ ދައުލަތަށް ކޮންމެވެސް ސިފައެއްގައި އާމްދަނީ ހޯދުމަށް ހެދި ޤާނޫނެއް ކަމަށެވެ.
ނަމަވެސް އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުން 2008 ވަނަ އަހަރު ރާއްޖެއަށް ޓެކްސް ނިޒާމު ތައާރަފު ކުރުމާއި އެކު މި ޤާނޫނުގެ ހަގީގީ ބޭނުމެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މިއީ އޭރުއްސުރެ އުވާލަން ޖެހޭ، އަދި އުވާލުން ލަސްވެފައިވާ ޤާނޫނެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް