އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގު މުބާރާތަށް ކޮލިފައި ނުވެއްޖެ ނަމަ އެކުލަބުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެހެން ކުލަބަކަށް ބަދަލުވާން ތައްޔާރަށް ހުރިކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި ރޮނާލްޑޯ ޔުވެންޓަސްއާއި އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި އެއް އަހަރު އޮތްނަމަވެސް ޗެމްޕިއަންސް ލީގު ނުކުޅެވޭނަމަ އޭނާ ޔުވެންޓަސްގައި މަޑުނުކުރާނެއެވެ. އެގޮތުން މިރޭ ލީގުގައި ނަޕޮލީއާއި ދެކޮޅަށް ކުޅޭ މެޗުން ޔުވެންޓަސް ބަލިވެއްޖެ ނަމަ އެޓީމު ލީގުގެ ފަސްވަނައަށް ވެއްޓޭނެއެވެ. ޔުވެންޓަސް މިހާރު އޮތީ ނަޕޮލީއާއި އެއްވަރަކަށް ޕޮއިންޓުލިބިގެން ގޯލުގެ ތަފާތުން ލީގުގެ ހަތަރުވަނާގައެވެ. މިރޭގެ މެޗުން ބަލިވެއްޖެ ނަމަ ޔުވެންޓަސް ފަސްވަނައަށް ވެއްޓޭނެއެވެ.
އެހެން ކަމުން މިރޭގެ މެޗަކީ ޔުވެންޓަސްއަށް އެޓީމުގެ ކުރިމަގު ބަދަލުކުރުމަށް މުހިންމު މެޗަކަށް ވުމުން މިރޭގެ މެޗުން ކޮންމެހެންވެސް މޮޅެއް ހޯދަން ވަނީ މަޖުބޫރުވެފައެވެ. މިހާރުވެސް ލީގު ލިބުމާއި މެދު އެއްވެސް ޔަގީންކަމެއް ނެތް އިރު މިރޭގެ މެޗުން ބަލިވެ ލީގުގެ ފަސްވަނައަށް ވެއްޓިއްޖެ ނަމަ ޗެމްޕިއަނަސް ލީގުގެ މުބާރާތަށް ވެސް އެޓީމު ލައްވާ ނުލާ ޔޫރޮޕާ ލީގުގައި ކުޅެން ޖެހުމުގެ ބިރު އެބައޮތެވެ.
އެހެން ކަމުން މިރޭގެ މެޗަކީ ރޮނާލްޑޯއަށް ވެސް އޭނާގެ ކެރިއަރުގައި މޮޅެއް ހޯދުން ކޮންމެހެންވެސް މުހިންމު މެޗެކަށްވަނީ ވެފައެވެ. އެގޮތުން މިހާރުގެ ކުލަބު ޔުވެންޓަސް ޗެމްޕިއަންސްލީގަށް ކޮލިފައި ނުވެ ޔޫރޮޕާ ލީގުގައި ކުޅެން ޖެހިއްޖެ ނަމަ ރޮނާލްޑޯ ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވޭތީއެވެ.
މިފަހަރުގެ ސީޒަން ނިމުމާއި އެކު ޔުވެންޓަސް އިން ރޮނާލްޑޯ ވިއްކާލަން އުޅޭކަމުގެ އަޑުތަކެއްވެސް މީޑިއާގައި ވަނީ ގަދަވެފައެވެ. މިހާރު ކުރިޔައްދާ ޗެމްޕިއަންސްލީގުގެ ދެވަނަ ބުރުން ޕޯޗުގަލްގެ ޕޯޓޯއަތުން ބަލިވެ ޔުވެންޓަސް ކެޓުމާއި ގުޅިގެން ރޮނާލްޑޯއަށް ވަނީ ބޮޑެތިފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެހެން ކަމުން މިރޭގެ މެޗުން ބަލިވެ އަންނަ ޗެމްޕިއަނަސް ލީގު މުބާރާތަށް ޔުވެންޓަސް ކޮލިފައި ނުވެ ޔޫރޮޕާ ލީގުގައި ކުޅެން ޖެހިއްޖެ ނަމަ ޔުވެންޓަސްއިން ރޮނާލްޑޯ ވިއްކާލުމަކީ އެކަށީގެންވާ ކަމެކެވެ.
2018 ވަނަ އަހަރު ރެކޯޑު ފީއަކަށް ސްޕެއިންގެ ރެއާލް މެޑްރިޑުން ޔުވެންޓަސްއަށް ރޮނާލްޑޯ ގެނައީ އެ ކުލަބަކަށް ޔޫރަޕްގެ ތައްޓެއް ނުލިބޭތާ ގިނަ އަހަރުތަކެއް ވެފައިވުމާއި އެކު އެކަން ހަނދާންނައްތާލާ ޗެމްޕިއަނަސް ލީގުގެ ތަށި ކާމިޔާބު ކުރުމަށެވެ. ނަމަވެސް މިހާތަނަށް ޗެމްޕިއަނަސް ލީގުގެ ތިން މުބާރާތެއް ކުޅެފައިވާއިރު، މި ތިން މުބާރާތްވެސް ވަނީ ނާކާމިޔާބު ވެފައެވެ.
މިފަހަރުގެ ސީޒަނަކީ ޔުވެންޓަސްގެ ތާރީޚުގައިވެސް އެންމެ ނާކާމިޔާބު ސީޒަންކަމަށް ވަނީ ބެލެވިފައެވެ. ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ކެޓިއިރު، ލީގުވެސް މިހާރުވަނީ އަތު ނުޖެހޭ ހިސާބަށް ދުރައްގޮސްފައެވެ. އަދި މިހާރު ވަނީ އަންނަ ޗެމްޕިއަންސް ލީގު މުބާރާތަށް ކޮލިފައިވުމާއި މެދުވެސް ސުވާލު އުފެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް