އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ވެސް "މާލެ ތެރޭގައި އުޅޭ ގޮލައެއް" ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ވަރަށް ސާދާ، ސީދާ ދިވެހިބަހުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ މާލޭގައި ކުރިއަށް ގެންދަިޔަ އެމްޑީޕީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
"އަޅުގަނޑު ވެސް މިއީ މާލެ ތެރޭ އުޅޭ މާލޭ ގޮލައެއް، އަޅުގަނޑު ވެސް މާލެ ތެރޭން ބޭނުންވާ ކަންކަން ހުރޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ބޭނުންވާ ކަންކަން ހުރެ، އެކަންކަން ބާރުމިނުގައި ނުވީމާ ހިތްހަމަނުޖެހޭ ފަހަރު ވެސް އަންނަ ކަމަށެވެ.
https://twitter.com/Lucasjalyl/status/1379517302144569345
ރައީސް ނަޝީދު ވިދާޅުވީ ވާދަވެރިންނަށް މާލޭ ސިޓީ ކައުންސިލުގެ ކަންކަން ހިންގަން ލިބުމުން އެތަން ރޫޅާލާފައިވާ ކަމަށާއި އަދި އެތަނުގެ ގޮނޑި މޭޒު ތަންތަނަށް އުކާލުމަށްފަހު ކައުންސިލަރުންނަށް ވެސް އެތަނަށް ނުވަދެވޭ ގޮތް ހަދައި ކަފުންކުރި ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް އިންކާރު ކުރަމުން އަންނަ ސިޔާސީ ފަލްސަފާއެއް އޮތް ބަޔަކަށް ކައުންސިލްތައް ދިނުމަކީ “ޑްރެކިއުލާއެއް ބްލަޑް ބެންކު ހަވާލުކުރުން ފަދަ ކަމެއް” ކަމަށާއި އެކަން ނަމަނަމަ ނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
“ލާމަރުކަޒީ ނިޒާމާއި އިންކާރު ކުރަމުން އަންނަ ސިޔާސީ ފަލްސަފާއެއް ހަވާލުވުމަކީ އަޅުގަނޑަށް ދެންނެވޭނީ ޑްރެކިއުލާއާ ބްލަޑް ބޭންކު ހަވާލުކުރުން ފަދަ ކަމެކޭ. އެކަން ނަމަ ނަމަ ނުކުރައްޗޭ” ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ދެން އިންތިހާބު ކުރެވޭ ސިޓީ ކައުންސިލު ވެގެންދާނީ މާލޭ ހިންގާ ސިޓީ ކައުންސިލަކަށް ކަމަށާއި މިއީ މާލޭ ރައްޔިތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
“މި ނިޒާމު މިހާރު ފައްކާކުރެވިފައި މިއޮތީ މާލޭ ރައްޔިތުންގެ ބޭނުންތައް މި ނިޒާމުގެ ތެރެއިން ފުއްދޭނެ ހަމަތަކެއް ހޯދަމުން. އެކަން ފުރިހަމަ ކުރުމަށްޓަކާ މާލެއަށް އެމްޑީޕީގެ ސިޓީ ކައުންސިލެއް ލިބުމަކީ ބޭނުންތެރި ކަމެއްކަން ޔަގީނުންވެސް އެއްބަސްވާނެ ބަޔަކީ މާލޭ ރައްޔިތުން” ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް